Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ނޯޓް 7 ގެ ސަބަބުން ސެމްސަންގްގެ ހިއްސާ ދަށަށް

ފޮޓޯ: އޭއެފްޕީ

ސެމްސަންގްގެ ހިއްސާތައް ކުރިއަށްވުރެ ބޮޑަށް މިއަދު ވެއްޓިއްޖެ އެވެ.

އެއީ އެ ކުންފުނީގެ ގެލެކްސީ ނޯޓް 7 ގެ ސްމާޓްފޯންތައް އުފެއްދުން ހުއްޓާލާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

ސެމްސަންގް ހިއްސާތައް މިއަދު ވަނީ 3% ދަށްވެފައެވެ. އެއީ އަންގާރަ ދުވަހުގެ 8% އިންސައްތަ ވެއްޓުމަށް އިތުރުވާ އަދަދެކެވެ.

ދެ ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ވަނީ 20 ބިލިއަން ޑޮލަރުގެ ގެއްލުމެއް ބާޒާރުގައި ލިބިފައެވެ.

ނޯޓް 7 އުފެއްދުން ހުއްޓާލަން އެ ކުންފުނިން ނިންމޯ ނޯޓް 7 ގެ ބެޓަރީތަކުގެ ސަބަބުން ފޯންތައް ގޮވާ ކަމުގެ ރިޕޯޓްތައް ސެޕްޓެމްބަރު މަހުގައި ކުރެވެން ފެށުމުންނެވެ. އެހެންނަމެވެސް، އަލަށް އުފެއްދި ފޯންތަކަށްވެސް ހަމަ އެ މައްސަލަ ދިމާވުމުން، ދެކުނު ކޮރެއާގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނިން ވަނީ އެ މޮޑެލްގެ ފޯންތައް އުފެއްދުން މުޅިން ހުއްޓާލަން ނިންމާފައެވެ.

ސެމްސަންގްގެ ހިއްސާތައް ވެއްޓުން ފާހަގަ ކުރަނީ އެ ކުންފުންޏަށް އެއްމަސް ދުވަސް ވަންދެން ލިބުނު ގެއްލުންތަކެވެ. މިހާރު އެ ކުންފުންޏަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކުންފުނީގެ ފައިދާތައް ދަށްވެ، ބްރޭންޑްގެ ނަން ކިލަނބުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ޓެކްނޮލޮޖީގެ އެނެލިސްޓުން ބުނާ ގޮތުގައި ނޯޓް 7 އަށް ދިމާވި މައްސަލައަކީ ކުރިއަށް އޮތް ތަނުގައި ވެސް ސެމްސަންގްއަށް ވަރަށް ގިނަ ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. އެއީ ސެމްސަންގްގެ ވާދަވެރިން ކަމަށްވާ އެޕަލްއާއި ގޫގުލްއިން ވަނީ ދާދި ފަހުން ވަރަށް މޮޅު އަދި އާ ސްމާޓްފޯންތަކެއް ތަޢާރަފް ކޮށްފައެވެ.

ނޯޓް 7 އަކީ ކުރިން ބެލެވުނު ގޮތުގައި އެޕަލް އައިފޯން 7 ގެ އެންމެ ބޮޑު ވާދަވެރިއާއެވެ. އެހެންނަމަވެސް، ސެމްސަންގްއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އެޕަލްގެ ހިއްސާތައް 10 މަހަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ.

ސެޕްޓެމްބަރު މަހުގައި ސެމްސަންގްއިން ވަނީ ގާތްގަނޑަކަށް 2.5 މިލިއަން ގެލެކްސީ ނޯޓް 7 ގެ ފޯންތައް ރައްދުކުރުމަށް އަންގާފައެވެ. އެއީ އެ ފޯންތަކުގެ ބެޓަރީތައް ގޮވާ ކަމުގެ ޝަކުވާތައް ލިބެން ފެށުމާއި ގުޅިގެންނެވެ.

ފަހުން އެ ހުރިހާ ފޯންތަކެއްވެސް ރައްކާތެރިކަމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މަރާމާތުކޮށްފައި ރައްކާތެރިކަމަށް ޔަޤީންކަން ދިން ފޯންތައް ވެސް ގޮވާކަމުގެ ރިޕޯޓްތައް ލިބެން ފެށިއެވެ.

އެހެންނަމަވެސް، އަންގާރަ ދުވަހު ސެމްސަންގްއިން ވަނީ އެ މޮޑެލްގެ ފޯންތައް އުފެއްދުން މުޅިން ހުއްޓާލާކަން އިއުލާންކޮށް، މިހާރު އެ ބާވަތުގެ ފޯން ގެންގުޅޭ މީހުން ފޯންތައް ނިއްވާލުމަށް އިލްތިމާސްކޮށްފައެވެ.