ސޭވު ދަ ޗިލްޑްރެން އިން ނެރުނު އާ ރިޕޯޓެއްގައި ވާ ގޮތުން ކޮންމެ ހަތް ސިކުންތަކު 15 އަހަރުން ދަށުގެ އެއްކުއްޖަކު ކައިވެނި ކުރާކަން ހާމަވެއްޖެ އެވެ.
އެ ދިރާސާއިން ދައްކާގޮތުގައި އަފްޣާނިސްތާން، ޔަމަން، އިންޑިއާ އަދި ސޯމާލިއާފަދަ ޤައުމުތަކުގައި އުމުރުން 10 އަހަރުހާ ކުޑަ އަންހެންކުދިންނަށް އެކުދިންނަށްވުރެ މާ އުމުރުން ދޮށީ ފިރިހެނުންނާއި ކައިވެނި ކުރުމަށް މަޖުބޫރު ކުރެއެވެ.
ސޭވު ދަ ޗިލްޑްރެން އިން ބުނާ ގޮތުގައި އެފަދަ ހަނގު އުމުރެއްގައި ކައިވެނި ކުރުމުގެ ސަބަބުން އެ އަންހެން ކުދިންގެ ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ނޭދެވޭ އަސަރުތައް ކުރުމަށް ދިމާވެއެވެ.
އަންހެން ކުދިން ކުޑައިރު ކައިވެނި ކުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ހަމަނުޖެހުންތައް، ފަޤީރުކަން އަދި އިންސާނީ ޙައްޤުތައް ނުލިބުން ހިމެނެއެވެ.
"ކުޑައިރު މީހުންނާއި އިނުމުން އަންހެން ކުދިންނަށް އެކުދިންގެ އެންމެ ޒަރޫރީ ޙައްޤުތައް ކަމަށްވާ ދަސްކުރުމާއި، ތަރައްޤީވުމާއި އަދި ކުޑަ ކުދިންގެ ގޮތުގައި ތިބުމުން މަހުރޫމްކުރޭ"، ސޭވު ދަ ޗިލްޑްރެން އިންޓަނޭޝަނަލްގެ ސީއީއޯ ވިދާޅުވިއެވެ.

"މާ އަވަހަށް ކައިވެނި ކުރާ އަންހެން ކުދިންނަށް އާންމުކޮށް ސްކޫލަށް ނުދެވޭ، އަދި ގެވެށި އަނިޔާއާއި، ގޯނާއާއި ރޭޕްއާއި ކުރިމަތިލާން ޖެހުން ވަރަށް އެކަށީގެންވޭ. އެކުދިން ބަނޑުބޮޑުވެ އެޗުއައިވީ ފަދަ ޖިންސީ ބަލިތަކުގެ ޝިކާރައަކަށްވޭ."
އެވްރީ ލާސްޓް ގާލްގެ ނަމުގައި ޝާއިރުކުރި ރިޕޯޓުގައި ވަނީ ސްކޫލާއި، ނާބާލިޤް ކައިވެނިތަކާއި، ފުރާވަރުގައި ބަނޑުބޮޑުވުމާއި، ބަނޑުބޮޑު ދުވަސްވަރު މަރުވުމާއި އަދި މަޖިލީހުގައި ތިބޭ އަންހެނުންގެ އަދަދަށް ބަލާފައި، އަންހެން ކުއްޖެއްގެ ގޮތުގައި ދިރުއުޅެން އެންމެ އުނދަގޫ ޤައުމުތައް ލިސްޓެއްގެ ގޮތުގައި އަތުރާފައެވެ.
ޗެޑް، ނައިޖާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، މާލީ އަދި ސޯމޭލިއާއަކީ އެ ލިސްޓްގެ އެންމެ ފުލުގައި ހިމެނުނު ޤައުމުތަކެވެ.
އެ ރިޕޯޓްގައިވާ ގޮތުން ހަމަނުޖެހުންތަކުގެ އަސަރު ކޮށްފައިވާ އަންހެން ކުދިން ކުޑައިރު މީހުންނާއި އިނުން ވަރަށް ގާތެވެ.
އޭގައިވާ ގޮތުން ވަރަށް ގިނަ ރެފިއުޖީ އާއިލާތަކުން އެމީހުން އަންހެން ކުދިން ފަޤީރުކަމާއި ޖިންސީ ގޯނާއިން ސަލާމަތް ކުރުމަށްޓަކާއި ކައިވެނި ކުރުވައެވެ.
ސޭވް ދަ ޗިލްޑްރެންއިން މިސާލައަކަށް ނެގީ ލެބަނަންގައި ދިރިއުޅެމުންދާ 13 އަހަރުގެ ސީރިއާގެ ރެފިއުޖީ ސަހަރު (އަސްލު ނަމެއް ނޫން) އެވެ. އޭނާ ކައިވެނި ކުރުވާފައިވަނީ 20 އަހަރުގެ ފިރިހެނަކާއިއެވެ. މިހާރު އޭނާގެ އުމުރުން 14 އަހަރު އިރު، އޭނާ އިނީ ބަލިވެއެވެ.
"ކައިވެނި ކުރި ދުވަސް އަހަރެން ހީކުރީ ވަރަށް ރަނގަޅު ދުވަހަކަށް ވާނެކަމަށް. އެކަމަކު އެހެންނެއް ނޫން. އެއީ ހުސް ހިތްދަތިކަން. ހިތާމައިން ފުރިގެންވީ"، އޭނާ ކިޔައިދިން ކަމަށް ސޭވް ދަ ޗިލްޑްރެންއިން ބުންޏެވެ.

އެ ރިޕޯޓްގައިވާ ގޮތުން އެބޯލާ ވައިރަސް ސިއެރާ ލިއޯންގައި ފެތުރުމުގެ ސަބަބުން ސްކޫލްތައް ބަންދުކުރުމުން ގާތްގަނޑަކަށް 14،000 ފުރާވަރުގެ އަންހެން ކުދިން ބަނޑުބޮޑުވިއެވެ. އިންސާނިއްޔަތަށް ދިމާވާ އެފަދަ ކަންކަމުގެ އަސަރުވެސް އަންހެން ކުދިންނަށް ވަރަށް ނޭދެވޭ ގޮތުގައި ކުރާ ކަމަށެވެ.
އދ ގެ ކުޑަކުދިންގެ އޭޖެންސީ ކަމަށްވާ ޔުނިސެފްއިން ލަފާކުރާ ގޮތުގައި ކުޑައިރު މީހުންނާއި އިންނަ އަންހެނުންގެ އަދަދު 700 މިލިއަނުން 2030 ވާން ވާއިރަށް ގާތްގަނޑަކަށް 950 މިލިއަންއަށް އަރާނެއެވެ.
ސޭވް ދަ ޗިލްޑްރެންގެ ރިޕޯޓް ނެރުނީ އަންގާރަ ދުވަހުއެވެ. އެދުވަހު ވަނީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސްވެސް ފާހަގަކޮށްފައެވެ.