Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

މަރަދޫ ޒުވާނުން، ލަންކާ މަގުހަދާ ޓީމަށް ހާއްސަ ބާބަކިއުއެއް ދެނީ

މަރަދޫ ބަނދަރު ސަރަހައްދުގައި މިރޭ ބާއްވާ ބާބަކިއު އަށް އެ ސަރަހައްދު ތައްޔާރު ކުރަނީ ފޮޓޯ؟ އައްޑޫލައިވް

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގު ހަދަމުން އަންނަ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) ގެ ޓީމަށް ހާއްސަ ބަބަކިއު އެއް މިރޭ މަރަދޫ ޒުވާނުންތަކެއް ދޭން ތައްޔާރުވަމުން އެބަދެއެވެ.

މަރަދޫ ބަނދަރު ސަރަހައްދުގައި މިރޭ ދޭން ތައްޔާރުވަމުން އަންނަ ބާބަކިއު އާއި ބެހޭގޮތުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މަރަދޫ ޒުވާނަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ މީ މަގު ހެދުމުގައި ހަރަކާތްތެރިވާ ލަންކާ ޓީމަށް މަރަދޫ ޒުވާނުންދޭ ހާއްސަ ކެއުމެއް ކަމަށެވެ.

"މީ އެއްވެސް ޖަމިއްޔާއަކުން ނުވަތަ ސިޔާސީ ބަޔަކު ކުރާ ކަމެއް ނޫން. މީ އަހަރެމެން ޒުވާނުން ލަންކާ މީހުނަށް ދޭ ކެއުމެއް" އެ ސަރަހައްދު ތައްޔާރު ކުރުމުގަިއ މަސައްކަތް ކުރި ޒުވާނަކު ބުންޏެވެ.

މިރޭ ބާބަކިއު ބޭއްވުމަށްޓަކައި އެ ސަރަހައްދުވަނީ ލަންކާ ދިދަ އާއި ދިދަ ޖަހައި ޒީނަތްތެރިކޮށްފައެވެ.

ލަންކާ ސަރުކާރުންދޭ 11 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ މި މަގު އަންނަ އެޕްރީލް މަހު ނިންމޭނެ ކަމަށް އައިސީސީ އާއި އައްޑޫ ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

މި މަގުގެ މަަސައްކަތް ފަށާަފއިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.