Last Updated: July 3, 11:07
Friday, July 3, 2026
ރިޕޯޓް

އަސްލަމް ތަ؟ މުސްތަފާ ތަ؟

މި އަހަރުގެ ރިއާސީ އިންތިހާބްގެ ކެމްޕެއިން އެންމެ ކުރިން ފެށީ އެމްޑީޕީންނެވެ. އެޕާޓީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ކެމްޕޭން ވަނީ މެކުހަަށް ޖަހާފަ އެވެ. އެހެންވެ އަންނިގެ ރަނިންމޭޓަކަށް ވާނެ މީހަކާއި މެދުވެސް ސުވާލު އުފެދެއެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވެ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ނަޝީދުވަނީ އެސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް އަރުވާފައެވެ. ހިތަދޫ ތައުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވަނީ ދެން އިންތިހާބެއްގައި އެމަނިކުފާންގެ ރަނިންމޭޓަކަށް ވާނީ އައްޑޫ މީހެއް ކަމަށެވެ. އެހެންވެ އެމީހަކީ ކޮބައިތޯ އެންމެންވެސް ސުވާލު އުފައްދައެވެ.

އޭގެ ފަހުން އެކަމާއި ގުޅޭ އެއްވެސް ހަބަރެއް ނުވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ އަރިހުގައި އެމްޑިޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެމްޑީޕީ ސަރުކާރުގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުޠުފީ އަބަދުމެ ތިއްބަވައެވެ.

ބައެއް ސިޔާސީ ފަރާތަކުން ސިފަކުރަނީ މިއިން ކޮންމެވެސް އެއްބޭފުޅަކީ އެމަނިކުފާންގެ ރަނިންމޭޓްގެ ގޮތުގައެވެ. އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ އެދެމީހުން ނޫން މީހަކަށްވެސް އެފުރުސަތު އޮވެދާނެ ކަމަށެވެ.
އެހެނީ 2008 ވަނަ އަހަރު އިންތިޙާބު ތެރޭގައި ވެސް ނަޝީދު ވިދާޅުވަމުން ގެންދެވީ "ކުރިން އަތޮޅުވެރިކަން ކޮށްފައި އަބުރުވެރިކަމާއި އެކު ތިއްބެވި ބޭފުޅުން" ވެސް އެބަ ތިއްބެވި ކަމާއި އެފަދަ މީހަކުވެސް އައިސްދާނެެ ކަމަށެވެ. އެހެން ވެއްޖެ ނަަމަ އަތޮޅު ވެރިކަން ކޮށްފައި ތިބި އިއްޒަތްތެރިންވެސް އައްޑޫ އެމްޑީޕީ މެމްބަރުންގެ ތެރެއިން ކުރީ ސަފުން ފެނެ އެވެ.

ނަމަވެސް އެފަހަރު ނަޝީދު ނެންގެވީ ފުރަތަަމަ ރާއްޖެއިން ޕީއެޗްޑީ ނެންގެވި ބޭފުޅާއެވެ. ފަހުންވީ ގޮތް އެންމެ ރަނގަޅަށް އެގޭނީ ނަޝީދަށެވެ.

މި ހުރިހާ ސަބަބަކާއި ހުރެ މިފަހަރު އެމްޑީޕީގެ ރަނިންމޭޓް ހޮވާނީ ވަރަށް ވިސްނާފައެވެ. ކޮންމެ ކޮންމެ މީހަކަށް އެފުރުސަތު މިފަހަރު އެމްޑީޕީއަކުން ނުދޭނެ އެވެ.

މާޒީން ލިބުނު ހިތި ތަޖްރިބާ ތަކުރާރު ވާކަށް އެމްޑީޕީއެއް ރައީސް ނަޝީދެއް ބޭނުމެއް ނުވާނެއެވެ. އެހެންވެއްޖެ ނަމަ އެމްޑީޕީން ނަގާނެ ރަނިންމޭޓަކީ ވަރަށް މުހިއްމު މީހެކެވެ. އެމްޑީޕީން ރަނިންމޭޓަކު ހަމަޖައްސާނީ ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށްފައެވެ.

އަސްލަމް އަކީ އަންނި އާއި މިހާރު އެންމެ އަރިސް އެއްބޭފުޅާއެވެ. އުޅުއްވުން ދާދި އެއްގޮތެވެ. އެމްޑީޕީ ފެށިގެން އައި އިރު އެންމެ ހީވާގި އެއް މެމްބަރެވެ. ނަމަވެސް އަސްލަމް ވަނީ އެމްޑީޕީ ދޫކޮށް ގާސިމް އާއި ގުޅިފައެވެ. އެއާއި އެކު އަސްލަމް އަށް އެމްޑީޕީން އޮތް ތާއިދު ވަރަށް ބޮޑަށް ފަނޑުވި އެވެ.

ގާސިމް ދޫކޮށް ނަޝީދު އާއި އަލުން އަސްލަމް ގުޅިވަޑައިގަތީ"ވަޠަން އެދޭގޮތަށް" ކެމްޕެއިން ތެރެއިނެނެވެ. އެހާ ހިސާބުން އަސްލަމް އެމްޑީޕީގެ މެމްބަރުންގެ ތާއީދު ހޯދުމަށް ވަރަށް މަަސައްކަތް ކުރެއްވި އެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު އެތާއިދު މިހާރު އެބަ ފެނެ އެވެ. ނަޝީދު އާއި އެއްކޮށް އެމަނިކުފާން ވަޑައިގަންނަވާ ތަނަކަށް އަސްލަމް ދުރުވެ އެވެ. އެމްޑީޕީން ހިންގާ ހުރިހާ މަގުމަތީގެ ހަރަކާތަކުން އަންނި އާއި އެންމެ އަރިސްކޮށް އަސްލަމް ފެނެ އެވެ.

އަނެއް ކޮޅުން އަސްލަމްއަކީ އައްޑޫގައި ތާއިދު އޮތް ބޭފުޅެކެވެ. 2004 ވަނަ އަހަރު ބެއްވި މަޖިލިސް އިންތިހާބް އަސްލަމް ކާމިޔާބް ކުރެއްވީ ރިކޯޑް އަދަދަކަށް ވޯޓު ހޯއްދައިގެންނެވެ. އަދި ފަހުން ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތި ލައި ފޯރިގަދަ އަދި ވާދަވެރި އިންތިހާބުން ކުރި ހޯއްދެވި އެވެ.
އަރިހުގައި މަސައްކަތް ކޮށްދޭނެ ޓީމެއް އެބައޮތެވެ. އެހެންވެ ފަހަރުގައި އަސްލަމް އަށް މިފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކުރިން އެމްޑީޕީ ދޫކޮށް ގާސިމް އާއި އަސްލަމް ގުޅުނުކަން އެމްޑީޕީން ހަނދާނެއް ނުނެތޭނެއެވެ.

އެމްޑީޕީގެ ރަނިންމޭޓަކަށް އައްޑޫ މީހަކު ހަމަޖައްސާނަމަ ރައީސް ނަޝީދު އެމީހަކަށް ދެން ހައްދަވާފާނެ ކަމަށް "ބޮޑު މަންޒަރު" ކުރެހޭ މީހަކީ އެމްޑީޕީ ސަރުކާރުގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުސްތަފާ ލުޠުފީއެވެ.
އެމްޑީޕީގެ ވެރިކަން ވެއްޓުނު ހިނދު ވަޒީފާ ދޫކޮށް ޕޯޑިއަމް ތަކަށް އެންމެ ފުރަތަމަ އެރި އެއް ބޭފުޅަކީ މުސްޠަފާ ލުޠުފީއެވެ. ވަރުބަލިކަމެއް ނެތި ނަޝީދު އާއި އެކު ރާއްޖޭ އުތުރާއި ދެކުނަށް ދަތުރު ކުރެއްވިއެވެ. ފައިމަގުގައި ވިއްޔާ ފައި މަގުގައި އެވެ. ކަނޑު މަގުން ދޯންޏެއްގައި ނަމަ އެ ގޮތަށެވެ.

މުސްޠަފާ ލުޠުފީ އަކީ އެ މަގަމާށް އެންމެ އެކަށޭނެ އެއް ބޭފުޅާއެވެ. އެމަނިކުފާނު އެހެން ޕާޓީއަކާއި "ސިއްރު" ގުޅުމެއް ނުބާއްވައެވެ. އިހްލާސްތެރިކަމާއި އެކު އެމްޑީޕީއަށް މަސައްކަތް ކޮށްދެއްވި އެވެ. އެހެންވެ ފަހަރުގައި އެމްޑީޕީގެ އިސް ބޭފުޅުން ބޭނުފުޅުވާ ކަހަލަ ބޭފުޅަކަށް މުސްޠަފާ ވެދާނެ އެވެ. ދެން އޮތީ ތާއިދެވެ.

މުސްޠަފާ ލުޠުފީ އަކީ ވެސް ނިސްބަތުން އައްޑޫގައި އާއިލާ ބޮޑު ބޭފުޅެކެވެ. އެމަނިކުފާނަށް ވެސް ބޮޑު ތާއިދެއް ލިބިދާނެއެވެ. ނަމަވެސް އައްޑު އަށް ކުރިމަތި ލައި ވޯޓުން ނާކާމިޔާބުވެފައި އެބައޮތެވެ. ފަހަރުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވައިގެން އެ ރިކޯޑް ފޮހެވިދާނެ އެވެ.

ދެން އޮތީ އައްޑޫން ރަނިންމޭޓަކު ނެގުމަކީ ކިހާވަރެއްގެ ހަގީގަތެއް ތޯ ބެލުމެވެ. ފަހަރުގައި ރައީސް ނަޝީދު އެންމެ ފަހު ވަގުތު އެބަސް އަނބުރާ ނަންގަވައި އެ މަނިކުފާނު ވިދާޅުވާ ގޮތުން ނަމަ އެކަން އެންމެ ފަހުން "ފަލްސަފާ" އަކަށް ވެސް ހައްދަވާފާނެ އެވެ.