އެޕަލްއިން ވަނީ އޮސްޓްރޭލިއާގެ ބްރިސްބޭންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަވުން ވަޒީފާއިން ވަކިކޮށްފައެވެ.
އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެން ކަސްޓަމަރުންނާއި މުވައްޒަފުންގެ ފޮޓޯތައް ބަހައި، އެމީހުންގެ ހަށިގަނޑަށް 10 އަކުން ރޭންކް ކުރުމުގެ ތުހުމަތުގަ އެވެ.
ބްރިސްބޭންގެ ކޮރިއާ-މެއިލްއިން ބުނި ގޮތުގައި ހުއްދައާއި އެނގުމަކާއިނުލައި އެތައް ޑަޒަން ފޯޓޯތައް ނަގާފައިވާ ކަމަށާއި، އަދި ކަސްޓަމަރުންގެ ފޯންތަކުންވެސް ފޮޓޯތައް ވަގަށް ނަގާފައިވާ ކަމަށެވެ.
އެޕަލްއިން ވަނީ އެކަން ކަށަވަރުކޮށްދީ، އެތައް ވަޒީފާތަކަކުން މީހުން ކަނޑާލައިފާވާ ކަމަށް ބުނެފައެވެ.
އެޕަލްއިން މިހާތަނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އެއްވެސް ފޮޓޯއެއް ވަގަށް ނަގާފައެއް ނުވެއެވެ.
އަދި ހަމަ އެހެންމެ އެއްވެސް މީހެއްގެ ހުއްދައާއި ނުލައި ވެސް ފޮޓޯ ނަގާފައެއް ނުވެއެވެ.
ކޮރިއާ-މެއިލް އިން ބުނާ ގޮތުގައި 100 އަށްވުރެ ގިނަ ޒާތީ ފޮޓޯތައް ވަނީ ބަހާފައިކަމަށާއި، އެއަށް ބިނާކޮށް އެ އަންހެނުންގެ ހަށިގަނޑުތައް ރޭންކްކޮށްފައިވާ ކަމަށެވެ.
އެ މަޖައްލާއިން ބުނާ ގޮތުގައި މި މައްސަލަ ފެންމަތިވީ، އެޕަލްގައި މަސައްކަތްކުރާ މުވައްޒަފަކަށް ޓެކްނީޝަނަކު މަރާމާތު ކުރާ ކޮޓަރި ތެރޭގައި ކަސްޓަމަރެއްގައި ފޯން ބޭނުންކުރަން ހުއްޓާ ފެނުމުންނެވެ.
އެޕަލްގެ އެއް ސްޓާފް މެމްބަރަކު ބުނާގޮތުގައި ސިޑްނީފަދަ އޮސްޓްރޭލިއާގެ އެހެން ސަރަހައްދުތަކުގައި ހުންނަ އެޕަލްގެ ފިހާރަތަކުގައި ވެސް މިފަދަ ކަންތައްތައް ކުރިއަށްދާ ކަމާއިމެދު ކަންބޮޑުވާ ކަމަށެވެ.
އެޕަލްއިން ބުނާ ގޮތުގައި، ކުރެވުނު ތުހުމަތުތައް ސާބިތުވެއްޖެނަމަ ވާނީ އެ ކުންފުނީގެ ވިޔަފާރި ހިންގާ ގޮތުގެ ޤަވާއިދާއި ޚިލާފުވީ ކަމަށް ކަމަށެވެ.