Last Updated: July 1, 23:10
Wednesday, July 1, 2026
ރިޕޯޓް

ދުނިޔޭގެ އެންމެ ގިނަ ބިލިއަނަރުން ޗައިނާގައި

ވޭން ޖިއަނިލިން - ފޮޓޯ: އޭއެފްޕީ

ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ދައްކާ ގޮތުގައި، އަނެއްކާވެސް، އެމެރިކާއަށްވުރެ ގިނަ ޑޮލަރު ބިލިއަނަރުން ޗައިނާގައި އެބަތިބިއެވެ.

ޗައިނާގެ 594 ބިލިއަނަރުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވޭން ޖިއަނިލިންއެވެ. އަދި އެމެރިކާގެ ޖުމްލަ ބިލިއަނަރުންގެ އަދަދަކީ އެންމެ 535 އެވެ.

ލިސްޓުގެ ދެވަނައަށް އައީ އަލީބާބާގެ ޖެކް މާ އެވެ. އޭނާގެ މުއްސަނދިކަން ވަނީ މިދިޔަ އަހަރަށްވުރެ 41 އިންސައްތަ އިތުރުވެފައެވެ.

މި ލިސްޓް އެކުލަވާލަނީ ޝެންގްހައި ޕަބްލިޝާސްގެ ހިއުރަން އެވެ. އަދި މި ލިސްޓަކީ އެމެރިކާގެ ފޯބްސް ލިސްޓާއި އަޅާކިޔާލެވޭ ވަރުގެ ލިސްޓެކެވެ.

ހިއުރަން ރިޕޯޓްއިން އެކުލަވާލާ މުއްސަނދިންގެ ލިސްޓަކީ ޗައިނާގެ މުއްސަނދިކަން އެންމެ ކައިރިން ބަލާ ދިރާސާކޮށް އަދި އެންމެ ސީދާ ދިރާސާތަކުގެ މައްޗަށް އެކުލަވާލެވޭ އެއްޗެކެވެ. މި ލިސްޓް ޝާއިރުކުރާތާ މިހާރު 18 އަހަރު ވެއްޖެއެވެ.

މި އަހަރުގެ ކުރީކޮޅު އެ ފަރާތުން ވަނީ ދުނިޔެއަށް ބިނާކޮށް އެހެން ލިސްޓެއް ނެރެފައެވެ. އޭގެއިން ދެއްކި ގޮތުގައި އަދި އަލަށް އެމެރިކާގެ ބިލިއަނަރުންނަށްވުރެ ޗައިނާގެ ބިލިއަނަރުންގެ އަދަދު އިތުރުވެފައިވެއެވެ.

އެހެންނަމަވެސް، ދުނިޔޭގެ އެންމެ މުއްސަނދި 20 މީހުންގެ ތެރޭގައި ޗައިނާގެ އެއްވެސް މުއްސަންޖަކު ނުހިމެނެއެވެ.