ލަންޑަންއަކީ ފަތުރުވެރިންނަށް ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސިޓީއެވެ. އެހެން ނަމެވެސް، ލުއި ވިޓޯންގެ އަތް ދަބަހެއް ބޭނުންނަމަ، އެންމެ އަގުހެޔޮކޮށް ލިބޭނީ ލަންޑަން އިންނެވެ.
ޑެލޮއިޓްއިން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި، ޑޮލަރުން ބަލާނަމަ، ލުއި ވިޓޯން ގެ ލަގްޒަރީ އުފެއްދުންތައް ދުނިޔޭގެ އެހެން ހުރިހާ ތަނަކަށްވުރެ އެންމެ އަގުހެވީ އިނގިރޭސިވިލާތުން ކަމަށެވެ.
ބްރެކްސިޓްގެ ވޯޓަށްފަހު ޕައުންޑް ސްޓާލިންގްގެ އަގު ވެއްޓުމަކީ، ފަތުރުވެރިން ޚަރަދުކުރާ މިންވަރު އިތުރު ކުރި ކަމެކެވެ.
ޑޮލަރާއި އަޅާބަލާއިރު، ޕައުންޑްގެ އަގު ވަނީ ޖޫން މަހުން ފެށިގެން 17 އިންސައްތަ ދަށަށް ގޮސްފައެވެ.
ވޯލް ސްޓްރީޓް ޖާނަލްއަށްޓަކައި ތައްޔާރުކުރި އެ ދިރާސާއިން ދައްކާ ގޮތުގައި، 7 އޮކްޓޯބަރުގައި ލުއި ވިޓޯންގެ ސްޕީޑީ 30 އަތްދަބަހެއްގެ އަގު ލަންޑަންގައި އުޅެނީ 645 ޕައުންޑްއަށެވެ. އެއީ 802 ޑޮލަރެވެ.
ހަމަ އެ ދަބަސް ޕެރިސްގައި ވިއްކަނީ 760 ޔޫރޯ (850 ޑޮލަރު) އަށްކަމަށްވާއިރު، ނިއު ޔޯކްގައި ވިއްކަނީ 970 ޑޮލަރަށެވެ. އަދި ޗައިނާގައި ވިއްކަނީ 7،450 ޔުއާން ނުވަތަ 1،115 ޑޮލަރަށެވެ.