ޗެލްސީއިން އާ ކިޓް ޑީލްއެއްގައި ކުޅިވަރު ފޭރާން އުފައްދާ ކުންފުންޏެއް ކަމަށްވާ ނައިކީއާއިއެކު ސޮއި ކޮށްފިއެވެ. މިއީ ޗެލްސީ ކްލަބްގެ ތާރީޚުގައިވެސް ކުރެވެނު އެންމެ ބޮޑު ކޮމާޝަލް އެއްބަސްވުމެވެ.
ލަންޑަންއަށް ނިސްބަތްވާ ޗެލްސީ ކްލަބްގެ ކުޅުންތެރިން މެޗުތަކަށް ލާ ހުރިހާ ފޭރާމެއްވެސް 2017-2018 ސީޒަންގައި ފޯރުކޮށްދޭނީ ނައިކީއިންނެވެ. މިއީ ޗެލްސީއިން އެޑިޑާސްއާއިއެކު ވެފައިއޮތް އެއްބަސްވުން ހަމަވުމުގެ ހަ އަހަރު ކުރިން އުވާލާކަން މެއި މަހުގައި އިއުލާން ކުރުމަށްފަހުއެވެ.
ރިޕޯޓްކުރާ ގޮތުގައި މި އެއްބަސްވުމަކީ 60 މިލިއަން ޕައުންޑްގެ އެއްބަސްވުމެކެވެ. އަދި ކުރިއަށް އޮތް 15 އަހަރަށް މި އެއްބަސްވުން ދެމިގެންދާއިރު، އޭގެ ހަޤީގީ އަގަކީ ކޮބައިކަން އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.
ޗެލްސީއިން ބުނީ މި އެއްބަސްވުމަކީ އެ ކްލަބްއަށް ވަރަށް ރަނގަޅު އަދި ވަރަށް މުހިންމު އެއްބަސްވުމެއްކަމަށެވެ.
"އަހަރެމެން ޤަބޫލުކުރަނީ އަހަރެމެން އާ މާކެޓްތަކަށް ނެރެ ތަރައްޤީވުމުގައި އާއި ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި އަހަރެމެންގެ ޖާގަ ދެމެހެއްޓުމަށް ނައިކީ އެހީތެރިވެދޭނެކަމަށް"، ޗެލްސީގެ ޑިރެކްޓަރު ބުންޏެވެ.