Last Updated: April 30, 12:06
Tuesday, April 30, 2024
ކޮލަމް

ދެކުނުގެ ސަރަހައްދީ ބަނދަރު ތަރައްގީ ކުރުން

ހިތަދޫ ސަރަހަައްދީ ބަނދަރު: މި ބަނދަރުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަކީ އިގުތިސާދަށް ފައިދާ ކުރާނެ ކަމެއް. ފޮޓޯ/ ކަސްޓަމް

މީގެ ކުރިން ދިވެހި ރާއްޖެ ހިމެނިފައި ވަނީ އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ގައުމުތަކުގެ ލިސްޓް ގައެވެ. އެކަމަކު މިހާރު އެކެޓަގަރީން ރާއްޖެވަނީ އުނި ކޮށްފައެވެ. ބައިނަލް އަޤުވާމީ މިންގަޑުން ތަރައްޤީގެ ކުރިއެރުންތަކެއް ހޯދާފައިވާތީ އެވެ. އެހެންނަސް "އައްޑޫސިޓީ" އަކީ ދުނިޔޭގައި އޮތްއެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ސިޓީއޭ ދެންނެވުމަކީ ކުށަކަށްނުވާނެއެވެ.

އައްޑޫ އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނަށް އޮތް އެންމެ މީހުން ގިނައަތޮޅެއެވެ. ވެރިރަށް މާލެ ފިޔަވައި ދެން އެންމެ މީހުން ގިނަރަށަކީ އައްޑު އަތޮޅު ހިތަދޫއެވެ. ބިމުގެ ޖާގަވެސް އޮތް އަތޮޅެކެވެ. މާލެ ދޫކޮށް ދެންއެންމެ ބޮޑަށް ތަރައްޤީވެފައިވަނީ އައްޑޫ ކަމަށް ބަޔަކު ހީކުރިކަމުގައި ވިޔަސް އައްޑޫގެ ތަރައްޤީއާއި އިޤުތިސާދު އޮތީ ގަބޫލުވެސް ނުކުރެވޭހާ ފަހަތުގައެވެ.

އައްޑޫއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކިޔަވައިގެން ބޮޑެތިވާ ޒުވާނުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެމަގު ތަނަވަސް ވެފައިނެތުމެވެ. މިކަމުގެ ސަބަބުން މިފަދަ މުޖުތަމައެއްގައި ހިގާނެ ނޭދެވޭ ހުރިހައި ކަމެއް މިސިޓީ ގައިދަނީ ހިގަމުންނެވެ. އަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ވަޒީފާއަދާކޮށްގެން އާމްދަނީ ހޯދޭނެ ވަސީލަތްތައް އެތަނުގައި އެބަހުއްޓެވެ.

ބައިނަލް އަޤުވާމީ ލެވެލްގައި ހިނގިދާނެ އެއާރޕޯޓެއް އައްޑޫގައި އެބައޮތެވެ. ގަމުން އިގިރޭސިން ފޭބިފަހުން ފާއިތުވި 36 އަހަރު އައްޑޫ ރައްޔިތުން ދެކެމުން އައި ހުވަފެން އަދިވަނީ ހަގީގަތަކަށް ނުވެފައެވެ. ރައީސުވަހީދުގެ ސަރުކާރުން އެހުވަފެން ހަގީގަތަކަށް ހަދައި ނުދެވިއްޖެނަމަ އަޅުގަޑުމެންގެ ކާފަދަރިންނަށް ވެސް އެދުވަސް ފެނުމަކީ ނާދިރުކަމެކެވެ. އަތޮޅުގައި ދެރިސޯޓް އެބައޮތެވެ. އެތަންތަނުން އައްޑޫ ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ މަންފާ ލިބެޔެކޭ ދެންނެވޭކަށްނެތެވެ. އެދެ ތަނުގައި ވަޒީވާ އަދާ ކުރަނީ ނިސްބަތުން މަދު ދިވެހިން ތަކެކެވެ. އެވެސް އާދައިގެ ވަޒީފާ ތަކުގައެވެ. ގަމުގެއެއާރޕޯޓް ތަރައްޤީކުރުމަށް މިސަރުކާރުން އައްނަނީ މަސައްކަތްކުރަމުންންނެވެ. އެއެއާރޕޯޓް ހިނގައިގަންނަހިނދު ފެންވަރު ރަގަޅު ބަދަރެއް އައްޑޫގައި ގާއިމުވެފައި އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ގަމުގެ ވައިގެ ބަދަރުތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކުރާ އުސޫލުން ބޭރުއިންވެސްޓްމަންޓެއް ގެނެސްގެންނަމަވެސް އެތަނުގައި އޮތް ސަރަހައްދީބަދަރު ތަރައްޤީކުރުމަކީ އައްޑޫ ރައްޔިތުންނާށާއި މުޅިގައުމަށް ވެސް ބޭނުންތެރިކަމެކެވެ.

"ހިތަދޫރީޖަނަލްޕޯރޓް" އަކީ ވިޔަފާރިވެރިންނަށް ދެކުނުގެ އަތޮޅުތަކަށް ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ކަންކޮޅުތަކުން މުދާ ގެނެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސެވުމުގެ މާތްމަޤްސަދުގައި ސަރުކާރުން ކުވައިތު ފަންޑްގެ ލޯނު އެހީގައި 2005 ވަނަ އަހަރު ހިންގަން ފަށާފައިވާ ތަނެކެވެ. ހިތަދޫ ރީޖަނަލް ޕޯރޓް 2005 ވަނަ އަހަރުން ފެށިގެން 2010 ގެ ނިޔަލަށް ހިންގާފައިވަނީ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް އިންނެވެ. ދެންނެވުނު މުއްދަތުގައި ބަނދަރު ހިންގާފައިވަނީ ގެއްލުމާއެކު އެމް.ޕީ.އެލް އިންޚަރަދުކޮށްގެންނެވެ.

މިފަސްއަހަރުގެ މުއްދަތުގައި ވެސް އެމް.ޕީ.އެލް ގެ މެނޭޖިންގް ޑިރެކްޓަރް އަކަށް ހުންނެވީ މިއަދު ވެސް އެމްޕީއެލްގެ ސީ.އީ.އޯ އަކަށް ހުންނެވި ބޭފުޅާ އެވެ. އަދި2008ގައި މައުމޫނުގެ ވެރިކަން ބަދަލުވެ ނަޝީދަށް ވެރިކަން ލިބުމުން 2009 ވަނަ އަހަރު ސަރުކާރުން ހިތަދޫ ޕޯރޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި 2010 ވަނަ އަހަރުގެ ޑިސެމްބަރ ގައި ހިތަދޫ ރީޖަނލް ޕޯރޓް ހިންގުން އެކުންފުންޏާ ހަވާލުކުރެވުނެވެ. އަދި ދެކުނުގެ ހަތަރު އަތޮޅަށް ބޭރުންގެނެވޭ ހުރިހާމުދަލެއް ހިތަދޫ ސަރަހައްދީ ބަދަރަށް ނޫން އެހެންތަނަކަށް ނުބޭލޭނެ އުސޫލެއް ނަޝީދުގެ ސަރުކާރުން ހަމަޖެއްސިއެވެ. ހުވަދޫއަތޮޅުގައި ރިސޯޓް ހަދަމުންއައި ވިޔަފާރިވެރިންގެ ނުރުހުމާ އެކުއެވެ. މިކަމަކީ ނަޝީދުގެ ސަރުކާރުންއެޅި ވަރަށްރަގަޅު ފިޔަވަޅެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. މީގެސަބަބުން އައްޑޫރައްޔިތުންނަށް އާމްދަނި ހޯދޭނެ ވަސީލަތްތައް އިތުރުވެގެންދިޔައެވެ. އަދި ރާއްޖެއަށްއެތެރެކުރެވޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ފަސޭހައަކަށް ވެސްވެގެންދިޔައެވެ. އަދިމިމުއްދަތުގެ ތެރޭގައި ހިތަދޫ ރީޖަނަލް ޕޯރޓްވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައިސްފައިވަނީ ސަރުކާރުގެ އެއްވެސް ތަނަކުން ސަބްސިޑީ އެއް ނުވަތަ އެއްވެސް ތަނަކުން ލޯނު ނަގައިގެން ނޫންކަން ފާހަނގަކުރެވެއެވެ.

ސާކް ސަމިޓަށް އައްޑޫގެ މަގުތައް ހެދުމަށް ގެނައި ސާމާން ހިފައިގެން އައި ބޯޓު ހިތަދޫ ރީޖަނަލް ބަނދަރުގައި. މީ އައްޑޫގެ ތެރައްޤީ އާއި ގުޅިފައިވާ މުހިއްމު ތަނެއް
ސާކް ސަމިޓަށް އައްޑޫގެ މަގުތައް ހެދުމަށް ގެނައި ސާމާން ހިފައިގެން އައި ބޯޓު ހިތަދޫ ރީޖަނަލް ބަނދަރުގައި. މީ އައްޑޫގެ ތެރައްޤީ އާއި ގުޅިފައިވާ މުހިއްމު ތަނެއް

ނަމަވެސް ނަޝީދުގެ ސަރުކާރު ބަދަލުވެ ޑރ.ވަހީދަށް ވެރިކަން ލިބުމާއެކު ހިތަދޫ ރީޖަނަލް ޕޯރޓް ގެ ބޯޑު އުވަލާ އެމްޕީއެލްގެ ބޯޑުގެ ބެލުމުގެ ދަށުން ހިގާތަނެއްގެ ގޮތުގައި އެބަނދަރު ހަމަޖެއްސިއެވެ. އަދި މުދާ ބޭލުމުގެ އުސޫލަށް ވެސް ބަދަލުގެނައެވެ. މިކަމަކީ މަދުވިޔަފާރިވެރިންނަށް މަންފާ ހުރިކަމެއްކަމުގައި ވިޔަސް ޖުމުލަ ގޮތެއްގައި މުޅި ރާއްޖެއަށް ގެއްލުންހުރި ކަމެއްކަމުގައި މެނުވީ ނުވާނެކަން ކަށަވަރެވެ. މިހާރު ހިތަދޫ ޕޯރޓް ލިމިޓެޑްގެ ބޯޑުގައި ހިމެނެނީ އެމްޕީއެލްގެ ބޯޑުމެންބަރުންނެވެ. އެބޭފުޅުން ދެކުންފުނިން ޑަބަލް މުސާރަ ނަންގަވާކަމީ ހަގީގަތެކެވެ. ފާއިތުވި އެގާރަމަސް ދުވަހު ހިތަދޫ ރީޖަނަލް ޕޯޓް ތަރައްޤީކުރުމަށްޓަކައި މިއަދާއި ހަމަޔަށް އެއްވެސް މަސައްކަތެއް ކުރެވިފައިނެތެވެ. ކުރައްވާހާވެސް ކަމަކީ ދޭތެރެދޭތެރެއިން ބޯޑުގައި ހިމެނޭ ސިޔާސީ ބޮޑުޕާޓީ އަކަށް ނިސްބަތްވާ ބޭފުޅަކު އައްޑޫއަށް ވަޑައިގެން އެބޭފުޅާ ނިސްބަތްވާޕާޓީގެ ސައިޒު ބޮޑުކުރުމަށާއި އެބޭފުޅާގެ ޕާޓީގެ މެންބަރުންނަށް އެކުންފުނިން ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކޮށް ނުފޫޒު ފޯރުވުމެވެ. މާޒީގެ ތަޖުރިބާއަށް ބަލާއިރު އެމްޕީއެލްގެ ދަށުގައި މިބަދަރު އޮވެގެން ތަރައްޤީ ކުރެވޭނެ ކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.

ޓްރާންޝިޕްމަންޓް ޕޯރޓެއްގެ ގޮތުގައި ހިތަދޫ ރީޖަނަލްޕޯޓް ތަރައްޤީ ކުރުމުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. ސަރުކާރުން އިޚުލާސްތެރިކަމާއެކު މަސައްކަތްކޮއްފިނަމަ މިކަމަކީ ކުރެވިދާނެނެކަމެއްކަމަށް އައްޑޫ ރައްޔިތުން ގަބޫލު ކުރެއެވެ.

އެހެންނަމަވެސް އެފަދަ ބޮޑު އިންވެސްޓަމަންޓެއް ނުވަތަ ޕްރޮޖެކެޓެއް ހިންގުމަކީ ގިނަ އަދަދެއްގެ ފައިސާ އާއި މުއްދަތު ބޭނުންވާނެކަމެކެވެ. އެހެންކަމުން މިހާރުން މިހާރަށް ވެސް ކުރެވެންހުރި ކަންތައްބަލައި އިތުރު ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ގޮތް ހެދުމަށް މަސައްކަތް ކުރުމަކީ މިވަގުތައް މުހިންމު ކަމެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. އަދިމިކަން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގައިގެންކަންވެސް އައްޑޫގެ ގިނަ ރައްޔިތުންދަނީ ފާހަނގަ ކުރަމުންނެވެ.

އެފަދަ ތަނެއް ހިންގޭނެ ގާބިލު މީހުން އައްޑޫގައި އެބަތިއްބެވެ. ރައީސު ވަހީދުގެ ސަރުކާރުން އައްޑޫ ސިޓީގައި އަދި ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތައް ހިންގުމަށް ތައްޔާރުވަމުން އަންނަ މިދަނޑިވަޅަކީ ބަނދަރުގެ ތަރައްޤީގެ މަސައްކަތް ހިންގުމަށް އެންމެ މުނާސަބު ވަގުތުކަމާމެދު ޝައްކެއްނެތެވެ.