ގޫގުލްއިން "ފެކްޓް ޗެކް" ގެ ނަމުގައި އާ ފީޗާއެއް ތަޢާރަފްކޮށްފިއެވެ. ގޫގުލްގެ ސާޗު ރިޒަލްޓްސްގައި ހުންނަ ޚަބަރުތަކުގެ ކަނުގައި އެ ފީޗާގެ ލޭބެލްއެއް ހުންނާނެއެވެ.
ގޫގުލް ނިއުސްގައި ޚަބަރު ފަތުރާ އެހެން ޖަމިއްޔާތަކުގައިވެސް ފެކްޓް ޗެކް ބޭނުންކުރެވޭނެއެވެ. ގޫގުލްއިން ބުނާ ގޮތުގައި މި ފީޗާގެ ސަބަބުން ހަޤީގަތާއި ޚިޔާލީ ކަންތައްތައް ވަކިކުރެވޭނެއެވެ.
ގޫގުލް ނިއުސްގެ ބޮޑު މީހާ ރިޗާޑް ގިންގްރާސް ބުނީ އެ ފީޗާގެ ސަބަބުން ބޮޑެތި ޚަބަރު ތަކުގެ ތެދު ދޮގު ކިޔުންތެރިންނަށް ހޯދޭނެ ކަމަށެވެ.
އޭނާ ބުނީ ފެކްޓް ޗެކް ކުރުމުގެ ފީޗާ ކުރިންވެސް ހުންނަ ސައިޓްތަކަށް އެ ސައިޓްތަކުގެ ކައިރީގައި ފެކްޓް ޗެކްގެ އައިކަން ހިމެނުމަށް ހުށައެޅޭނެކަމަށެވެ.
ކޮންމެ ޚަބަރަކަށްވެސް ފެކްޓް ޗެކް ބޭނުންވޭތޯ ގޫގުލްއިން ބަލާނީ ކްލެއިމް ރިވިއު ޓެކްނިކް ބޭނުންކޮށްގެންނެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފެކްޓް ޗެކް ވަނީ ވަރަށް މަޝްހޫރުވެފައެވެ.
ޑިއުކް ޔުނިވާސިޓީ ރިޕޯޓާސް ކްލަބް އިން ބުނާ ގޮތުގައި ބީބީސީގެ ރިއަލިޓީ ޗެކްފަދަ 100 ފެކްޓް ޗެކްކުރާ ސައިޓް ވެއެވެ.
ގޫގުލްއިން މި ފީޗާ ތަޢާރަފްކޮށްފައިވާ ދަނޑިވަޅަކީ މިއަންނަ މަހު އެމެރިކާގެ ރިޔާސީ އިންތިޚާބުވެސް ބާއްވަން ތައްޔާރުވަމުން ދާ ދަނޑިވަޅެކެވެ.