އެމެރިކާގެ ކޮމްޕިއުޓަރު އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗުޕީ އިންކް އިން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 3،000 އާއި 4،000 އާއި ދެމެދުގެ އަދަދަކަށް ވަޒީފާ މަދުކުރުމަށް ނިންމައިފި އެވެ.
އެ ކުންފުނިން ބުނާ ގޮތުގައި އެއީ ކުންފުނި އަލުން ސްޓްރަކްޗާ ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމުގައެވެ.
އެކަމުގެ ސަބަބުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު (163 މިލިއަން ޕައުންޑް)ގެ ފައިދާ ކޮންމެ އަހަރަކު ކުންފުންޏަށް ރައްކާކުރެވޭނެ ކަމަށް ބެލެވޭއިރު، ޗާޖުތަކުގެ ގޮތުގައި 500 މިލިއަން ޑޮލަރު ޚަރަދު ކުރެވޭނެކަމަށްވެސް ލަފާކުރެވެއެވެ.
އެޗުޕީ އިން ވަނީ ހީކުރާވަރަށްވުރެ މަދުން އާމްދަނީ ލިބޭ ގައިޑެންސްއެއް މިއަންނަ އަހަރަށްޓަކައި ނެރެފައެވެ.
އެ ކުންފުނިން ބުނާ ގޮތުގައި 2017 ވަނަ އަހަރުގައި ކޮންމެ ހިއްސާއަކަށް 1.55 ޑޮލަރާއި 1.65 ޑޮލަރުގެ ފައިދާ ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ހިއުލެޓް-ޕެކާޑް ވަނީ ދެ ވިޔަފާރިއަކަށް މިދިޔަ އަހަރު ބަހާލާފައެވެ. އެއީ އެޗުޕީ އިންކް (ކޮމްޕިއުޓަރާއި ޕްރިންޓަރުތަކަށް) އަދި ހިއުލެޓް-ޕެކާޑް އެންޓަޕްރައިޒް (ޑޭޓާ ސްޓޯރޭޖް) އެވެ.
"އާ އެޗުޕީގެ ގޮތުގައި އަހަރެމެންނަށް ލިބިފައިވާ ކުރިއެރުމާއިމެދު އަހަރެން ފަޚުރުވެރިވަން. އަހަރެމެންގެ އަމާޒު ސާފު، ނިންމާ ނިންމުންތައް ބަރާބަރު، އަދި އަހަރެމެންގެ ރާސްތާގައި ދެން ނަގަން އޮތް ފިޔަވަޅަށް ތައްޔާރު"، އެ ކުންފުނީގެ ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ވަޒީފާތައް މަދުކުރަން ނިންމީ ކޮމްޕިއުޓަރުތައް ވިކޭ މިންވަރު މުޅި ދުނިޔޭގައި މަދުވާން ފެށުމުންނެވެ.
މިހަފްތާގެ ކުރީކޮޅުގައި، ދިރާސާކުރާ ކުންފުނި ގާޓްނާއިން ބުނީ މިދިޔަ އަހަރާއި އަޅާބަލާއިރު، 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކޮމްޕިއުޓަރު ޝިޕްމެންޓްތައް 5.7 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.
ހިއުލެޓް-ޕެކާޑް ގެ ފައިދާތައް ވަނީ ކޮމްޕިއުޓަރުގެ ވިޔަފާރި ވެއްޓުމާއި ގުޅިގެން ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އެތައް ހާސް ވަޒީފާއެއް ވަނީ މަދުކޮށްފައެވެ.