އިންޑިއާގައި ދިރިއުޅެމުންދާ ޖެއިން ދީނުގެ މީހުން ބުނާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި 19 ކުޑަކުދިން ވަނީ ދިގު މުއްދަތަކަށް ދެމިގެންދާ ދީނީ ރޯދަ ހިފާފައި ކަމަށެވެ.
އެމީހުން މިހެން ބުނެފައިވަނީ 68 ދުވަހު ރޯދަ ހިފުމުގެ ސަބަބުން 13 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވި މައްސަލަ ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައިއެވެ.
އޭނާގެ މައިންބަފައިން ބުނާ ގޮތުގައި އޭނާ ރޯދައަށް ހުރީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އެއީ ޖެއިން ދީނުގައި އޮންނަ ގޮތް ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ދީނީ ކަންކަމަށްޓަކައި ރޯދަ ހިފުމާއި ބެހޭގޮތުން އިންޑިއާގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
ސިފައިންގެ ތަރުޖަމާނަކު ބުނީ މަރުވި އަންހެން ކުއްޖާގެ މައިންބަފައިންނާއި ދެކޮޅަށް ކުޑަކުދިންގެ ހައްޤުތަކާއި ބެހޭ ޖަމިއްޔާއިން މައްސަލައެއް ހުށައެޅުމާއި ގުޅިގެން އެ މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން ޖެއިނުންގެ 640 މެމްބަރުން ވަނީ ރޯދަ ހިފާފައިވާ ކުޑަކުދިންގެ ނަންތަކާއި ފޮޓޯތައް ހިމެނޭ ލިސްޓެއް ފުލުހުންނަށް ފޮނުވާފައެވެ.
"އަހަރެމެން އެ ކުދިންގެ ތަފްސީލްތައް ދިނީ ޖެއިން ދީނުގައި ރޯދަހިފުން އޮންނަކަން ސާބިތުކުރުމަށްޓަކައި"، ހައިދަރުއާބާދުގެ ސްރީ ޖެއިން ސޭވާ ސަންގްގެ ސެކެޓްރީ ވިނޯދު ކިމްޓީ ބުންޏެވެ.
"އަހަރެމެން މިސާލަކަށް ދީފައިވާ ހުރިހާ ކުދިންނަކީ އަރަދަނާއަށްވުރެ އުމުރުން ކުޑަ ކުދިން. އެކަމަކު ގިނަ ދުވަސްވަންދެން ރޯދަހިފިއިރު ވެސް އެކުދިންގެ ހާލު ރަނގަޅު."
2013 ވަނަ އަހަރުގައި އަހްމަދުއާބާދުގައި 68 ދުވަހާއި 83 ދުވަހުގެ މުއްދަތުގެ ދެމެދުގައި ރޯދަހިފާފައިވާ ހަތަރު ކުޑަކުދިންގެ ނަން އެ ލިސްޓުގައި ވެއެވެ. އޭގެތެރޭގައި އެއްބަނޑު އެއްބަފާ ދެކުދިންވެސް ހިމެނެއެވެ.
"އޭނާ އަހަރެމެންގެ ގާތުން ރޯދަ ހިފުމަށް ހުއްދައަށް އެދުނު. 51 ދުވަސް ފަހުން ހުއްޓާލަން ބުނިން އެކަމަކު އޭނާ ބޭނުމެއްނުވި ހުއްޓާލާކަށް. އޭނާ ރޯދަ ހިފީ އަމިއްލަ އިޚްތިޔާރުން. އެއްވެސް މީހަކު އޭނާއަށް މަޖުބޫރެއް ނުކުރޭ"، މަރުވި އަންހެން ކުއްޖާގެ ބައްޕަ ބުންޏެވެ.
ދިގު މުއްދަތަކަށް ރޯދަ ހިފުމަކީ ޖެއިނުންގެ ތެރޭގައި ވަރަށް މަޝްހޫރު ކަމެކެވެ.
ޖެއިނުންގެ ތެރޭގައި އޮންނަ އެހެން އާދައެއް ކަމަށްވާ "ސަންތާރާ" އަށްވެސް އެކްޓިވިސްޓުންގެ ފާޑު ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސަންތާރާގައި ޖެއިނުން މަރުވުމަށް ތައްޔާރުވުމަށްޓަކައި ކެއުމާއި ބުއިމުން ދުރުހެލިވެއެވެ.