ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ޤާނޫނާއި ޚިލާފަށް އުފަންނުވާ ކުދިންގެ ޖިންސު ބުނެދޭ ނެޓްވޯކްއަކާއި ގުޅުންހުރި 75 މީހުން ޗައިނާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ޤާނޫނާއި ޚިލާފަށް ކުރާ މި ކަމަކީ ބަނޑުބޮޑު މީހުންގެ ތެރެއިން ފިރިހެން ކުދިން ބޭނުންވާ މައިންބަފައިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކަމެކެވެ. އޮފިޝަލުން ބުނާ ގޮތުގައި މި ނެޓްވޯކްއިން ވަނީ އުފަންނުވާ ކުދިންގެ ލެއިގެ ސާމްޕަލްތައް އެކުދިންގެ ޖިންސު ހޯދުމަށްޓަކައި ޓެސްޓް ކުރުމަށް ހޮންގް ކޮންގްއަށް އެތެރެ ކޮށްފައެވެ.
މި ޙަރަކާތް ޗައިނާގެ ބޮޑު ބައެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 30 މިލިއަން ޑޮލަރުގެ ފައިދާވެސް ލިބިފައިވެއެވެ.
އެކަމާއި ދެކޮޅަށް ކެމްޕެއިން ކުރާތާ ގިނަ އަހަރުތަކެއް ވެފައިވީނަމަވެސް، ޗައިނާގެ ތަރައްޤީވެފައިނުވާ ސަރަޙައްދުތަކުގައި އުޅޭ ބެލެނިވެރިން އަންހެން ކުދިންގެ މައްޗަށް ފިރިހެން ކުދިން އިސްކުރެއެވެ.
ޗައިނާގެ އިރުމަތީ ޕްރޮވިންސްގެ ކަމާއިބެހޭ ފަރާތްތަކުން ބުނީ ޤާނޫނާއި ޚިލާފު އެ ޙަރަކާތުގައި މަދުވެގެން 300 މީހުން ބައިވެރިވެފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ސައިޒާއި، ލިބުނު ފައިސާއަށް ބެލުމުން އެ ޚިދުމަތަށް އެދިގެންތިބި މައިންބަފައިންގެ ކެތްތެރިކަން ކުޑަކަން ހާމަވެގެންދާ ކަމަށް ބީބީސީ އޭޝިއާ ޕެސިފިކްގެ ރީޖަނަލް އެޑިޓަރު ސީލިއާ ހެޓަން ބުންޏެވެ.
ކޮންމެ ދެމެފިރިއަކުވެސް އެންމެ ކުއްޖެއް ހޯދުމުގެ ޤަވާއިދު ޗައިނާއިން މިދިޔަ އަހަރު ވަނީ އުވާލާފައެވެ. އެއީ ޗައިނާގައި ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކަމެއް ނެތުމުގެ ސަބަބުންނެވެ.
އެހެންނަމަވެސް، ޗައިނާގެ އާބާދީއާއި ބެހޭ އޮފިޝަލުން މި ހަފްތާގައި ބުނީ ކޮނެމް 100 އަންހެން ކުދިންނަށް 113 ފިރިހެން ކުދިން ވުމުގެ ނަހަމަކަމަށް ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަދަލު ނާންނާނެކަމަށެވެ.