Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޯކޮށްލައިފި

ހިތަދޫ ގެއެއްގެ ތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށް އަންދާލައިފި އެވެ.

އެނގިފައިވާ ގޮތުގައި ރޭ ދަންވަރު 2:45 ހާއިރު ރޯކޮށްލާފައި ވަނީ ހިތަދޫ ޒޫރާގޭގެ ތެރޭގައި ބަހައްޓާފައި ހުރި ޕީސީއެކްސް ސައިކަލެއްގަ އެވެ.

ރޯކޮށްލުމުގެ ސަބަބުން ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ ހިތަދޫގައި ހުންނަ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުންނެވެ.

މި ހާދިސާގައި ސައިކަލްގެ އިތުރުން އެގޭގެ ބޭރުގައި ހުރި އޭސީ އައުޓްޑޯ ޔުނިޓް ހަލާކުވެ ގެއިން ކަރަންޓް ކަނޑައިގެން ގޮސްފައިވެ އެެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ މިހާރު ތަހްގީގު ކުރަމުންނެވެ.