Last Updated: April 30, 22:02
Tuesday, April 30, 2024
ޚަބަރު

ގަން އެއާޕޯޓް އެމްވީކޭ ޑިއުޓީ ފްރީން ވައްކަންކޮށްފި

ގަން އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލްގައި ހުންނަ އެމްވީކޭގެ ޑިއުޓީ ފްރީ ފިހާރައިން ވައްކަންކޮށްފި އެވެ.

އެ ފިހާރަ ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ބަނގުރަލާއި ބައެއް އެހެން ތަކެތި ވެސް ވަނީ ވަގަށް ނަގައިފަ އެވެ.

މިކަން އެމްވީކޭގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ވިދާޅުވީ ޑިއުޓީ ފްރީން ބޮޑު އަދަދަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ.

ގަން އެއާޕޯޓްގެ ޓާމިނަލް ޑެޕިއުޓީ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ޝަފީގް ވިދާޅުވީ އެމްވީކޭގެ ޑިއުޓީ ފްރީ ފިހާރަ ފަޅާލިކަން އެނގުނީ އެތަނުގެ ދޮރެއްގެ ތަޅު ހަލާކުކޮށްފައި ހުއްޓައި ފެނިގެން ބެލި ބެލުމުން ކަމަށެވެ.

އެހެންވެ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް، މައްސަލަ ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ވައްކަން ކުރީ ސީދާ ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

jhjk

"އެތަނުން ބައެއް އެއްޗެހި ގެއްލިފައި ވަނީ. އެހެން ނަމަވެސް ގެއްލުނީ ސީދާ ކޮންކޮން އެއްޗިއްސެއް ކަމަށް މުޅިން އަދި ސާފެއް ނުވޭ،" އަހުމަދު ވިދާޅުވި އެވެ.

މި މައްސަލަ އާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

ގަން އެއާޕޯޓް އިންޓަނެޝަނަލް ޓާމިނަލްގައި އެމްވީކޭގެ އިތުރުން ލެ ކިއުޓާއި ރީފް ސައިޑްގެ ޑިއުޓީ ފިހާރައެއް ވެސް ހުރެ އެވެ.