Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

އެސްޔޫއެލް މުވައްޒަފުން މުސާރަ ނުލިބިގެން ޝަކުވާ ކުރަނީ

އެސްޔޫއެލްއިން ހިތަދޫ މަގެއްގައި ތާރުއަޅަނީ.

ސަދަން ޔޫޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުލިބޭތީ އެކަމުގެ ޝަކުވާ މުވައްްޒަފުން ކުރަން ފަށައިފި އެވެ.

އެސްޔޫއެލްގެ މުވައްޒަފަކު ބުނީ ފެނަކަ ކޯޕަރޭޝަނަށް ބަދަލުވި ފަހުން މިހާތަނަށް މަސް ނިމޭ އިރަށް މުސާރަ ލިބެމުން ނުދާ ކަމަށެވެ.

"އަބަދުވެސް މުސާރަ މިލިބިނޭ އަނެއްް މަހުގެ 8، 10 ހިސާބުގައި. މިކަމާއި ހެދި އަހަރެމެން އުޅެން މިޖެހެނީ ވަރަށް ދަތި ހާލުގައި،" މުވައްޒަފު ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެސްޔޫއެލް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު (އަބުހަރީ) ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ދެނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.

"މުސާރަ މިދެނީ ފިނޭންސް މިނިސްޓްރީން. މިނިސްޓްރީން ފައިސާ ޖަމާކޮށްދިނީމަ މުސާރަ ދެނީ އެހެންވީމާ އެފަރާތަށް އެނގޭނީ،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ އެތަނުގެ މުވައްޒަފުންގެ މުސާރަ ފަހަރުގައި މިއަދުވެސް ޖަމާކޮށްފާނެއެވެ. ނަމަވެސް ޔަޤީންކޮށް މިއަދު މުސާރަ ޖަމާވާނެ ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް އެގިފައިވާ ގޮތުގައި މިއަދުވެސް ޔޫޓިލިޓީ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ޖަމާނުވާނެއެވެ.

އެސްޔޫއެލްގައި މިވަގުތު 268 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރެގައި ހިމެނެނީ އައްޑޫގެ 213 މުވައްޒަފަކާއި ފުވައްމަުލަކު އިންޖީނުގޭގައި މަސައްކަތް ކުރާ 55 މުވައްޒަފަކެވެ.

މުވައްޒަފުންގެ މުސާރަ މަހުން މަހަށް ބަރާބަރަށް ނުދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު ފެނަކަ ކޯޕަރޭޝަންގެ ދަށަށް އެސްޔޫއެލް ދިއުމުގެ ކުރިން މިފަދަ މައްސަލަ ކުރިމަތި ނުވާކަމަށް މުވައްޒަފުން ބުނެއެވެ. އަދި ފެނަކަ ކޯޕަރޭޝަނާއި މެދު ކަންބޮޑުވާ ގިނަ މައްސަލަތަކެއް ހުރިކަމަށް މުވައްޒަފުން ބުނެއެވެ.