Last Updated: June 26, 19:20
Friday, June 26, 2026
ސިޔާސީ

ރައީސް ޔާމީނާ އެކު ޕީޕީއެމް ކައުންސިލް ބައްދަލު ކުރަނީ

ޔާމީނާއި އުމަރު މައުމޫނާ އެކު. ފޮޓޯ/ ހަވީރު

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބޭއްވުމަށް ސިވިލް ކޯޓުން މިއަދު އަމުރު ކުރުމާއި ގުޅިގެން ރައީސް އަބްދުﷲ ޔަމީންގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް މިރޭ 9 ޖަހާއިރު ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ޔާމީންއަށް ތާއިދު ކުރާ ފަރާތްތަކުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ ނައިބް ރައީސްކަމުން "ވަކިކުރައްވާފައިވާ" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަޙީމް އަބްދުﷲ ވިދާޅުވީ މިރޭގެ ކައުންސިލް ބައްދަލުވުމަށް ޕާޓީގެ ކައުންސިލް މެމްބަރުން ހާޒިރުވާ އިރު އެ ފުރުސަތު ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްވެސް އޮތް ކަމަށެވެ.

އަބްދުއް ރަހީމް ވިދާޅުވީ މިރޭ ކައުންސިލް ބައްދަލުވުން ބާއްވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔަރުވުމާއި، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން މިރޭ ބާއްވަން ނިންމެވި އިރު ޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ރައީސް މައުމޫންގެ ބެއްލެވުމުގެ ދަށުން މީގެ ގަޑިއެއްހާ އިރު ކުރިން ޕީޕީއެމް އޮފީހުގައި ވަނީ ބާއްވާފައެވެ.