ކުވެއިތުގެ ކެބިނެޓް އިސްތިއުފާދީ، މަޖިލިސް އެއްކޮށް އުވާލައިފިއެވެ. އެހެންކަމުން އިންތިޚާބުތައް ވަނީ އަވަސްކުރަން ޖެހިފައެވެ.
އެއީ މަޖިލިސް މެމްބަރުންނާއި ސަރުކާރާއިމެދު ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ.
ކުވެއިތުގެ ސަރުކާރުން ހިންގާ ޓީވީ ޗެނަލްއަކުން ރިޕޯޓްކުރީ އެއީ ދެފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުންކަމަށެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ތެލުގެ އަގުތައް ދަށްވެފައިވާއިރު، ކުވެއިތުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ލިބިދޭ ޚާއްސަ އިނާޔަތްތައް ކަނޑާލާފައެވެ. އެގޮތުން ތެލުގެ ސަބްސިޑީވެސް ހިމެނެއެވެ. އޭގެ ސަބަބުން ޕެޓްރޯލްގެ އަގު ވަނީ 80 އިންސައްތަ މަތިވެފައެވެ. އެހެންކަމުން ދެބަސްވުންތައް އިތުރުވީއެވެ.
ކުވެއިތުގެ ސަރުކާތުގެ ހަތަރުވަނަ ދައުރު މިއަންނަ އަހަރުގެ ޖުލައި މަހު ފުރިހަމަ ވާނެއެވެ.
މިހާރުގެ މަޖިލީހުގެ ގިނަ މެމްބަރުންނަކީ ސަރުކާރާއި އެއްކޮޅަށް ތިބޭ މެމްބަރުން ކަމުގައިވިޔަސް، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު މަތިވުމާއިމެދު ސުވާލުކޮށް މިނިސްޓަރުންނަށް ސިޓީފޮނުވާފައިވެއެވެ.
އާދިއްތަ ދުވަހުގެ މެންދުރު ފަހުން ބޭއްވި ސަރުކާރުގެ ކުއްލި ބައްދަލުވުމަކަށްފަހު، ކުވެއިތުގެ އަމީރު ޝެއިޚް ސަބާޙް އަލް އަހްމަދު އަލް ސަބާޙް ވަނީ ޤައުމުގެ ޙާލަތު އޮތްގޮތުން، ޤައުމީ މަޖިލިސް އުވާލާއި ޤަރާރެއް ނެރުއްވާފައެވެ.
ސަރުކާރުގެ ޓީވީ ޗެނަލްއިން އިއުލާން ކުރި ގޮތުގައި ކެބިނެޓްގެ ހުރިހާ މެމްބަރުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ގަލްފް ސަރަހައްދުގައި، އިންތިޚާބުވެފައިވާ މުއައްސަސާތަކަށް ބަލާއިރު، ކުވެއިތުގެ މަޖިލީހަކީ އެންމެ ގިނަ ބާރު ލިބިދޭ މުއައްސަސާއެވެ. އެހެންނަމަވެސް، ރަސްކަން ކުރާ އަލް-ސަބާޙް އާއިލާގެ ބަހަކީ ހުރިހާ ކަމެއްގައިވެސް އެންމެ ފަހުގެ ނިންމުމެވެ.
އާދިއްތަ ދުވަހުގެ ކުރީކޮޅު، މަޖިލީހުގެ ރައީސް މަރްޒޫޤް އަލް-ޣާނިމް ވަނީ އަވަސް އިންތިޚާބުތައް ބޭއްވުމަށް ގޮވާލާފައެވެ. އަދި ޤައުމަށްވަނީ އިޤްތިޞާދީ ނުރައްކާއާއި ސަރަހައްދީ ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށާއި، އެކަންކަމުން ސަލާމަތް ވުމަށްޓަކައި އާ ސަރުކާރެއް ބޭނުންވާ ކަމަށްވެސް ބުނެފައެވެ.