Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ބޮލަށް ފައިން އެރި އިންޑިއާގައި 24 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރުގައި އޮންނަ ސްޓޭޓްއެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި އޮތް ދީނީ ޙަރަކާތަކަށް ދިޔަ މީހުންގެ ތެރެއިން ތޮތްޖެހިގެން މަދުވެގެން 24 މީހުން މަރުވެއްޖެއެވެ.

ތޮތްޖެހުމުގެ ސަބަބުން މީހުންގެ ބޮލަށް ފައިން އެރުމުގެ ތެރޭގައި އިތުރު 20 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހާދިސާ ހިނގާފައިވަނީ ހިންދޫންގެ މާތް ރަށެއްކަމަށްވާ ވަރަނާސީގައެވެ.

ފުލުހުންގެ އޮފިސަރަކު ބުނި ގޮތުގައި 3،000 އަޅުވެރިން އެ ހަރަކާތުގައި ބައިވެރިވާނެކަމަށް ލަފާކުރެވުނު ނަމަވެސް، ޖުމްލަ 70،000 މީހުން އައިކަމަށެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މަރުވި މީހުންގެ ތެރޭގައި 14 މީހުންނަކީ އަންހެނުންނެވެ.

އެ ހަރަކާތް އިންތިޒާމްކުރި އެކަކު ކަމަށްވާ ރާޖް ބަހާދުރް ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި ތޮތްޖެހިފައި އޮތް ބްރިޖްއެއްގެ މަތިން ފުލުހުން މީހުން އަނބުރާ ފޮނުވަން ފެށުމުން، އެ ބްރިޖް ހަލާކުވެ މީހުން ސަލާމަތައްޓަކައި ދުވަން ފެށިކަމުގެ ވާހަކަ ފެތުރިފައިވާ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނާ ގޮތުގައި، ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ވަނީ މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލެއްގެ ގޮތުގައި 200،000 ރުޕީސް (2،997 ޑޮލަރު) ދޭނެކަމަށް އިއުލާންކޮށްފައެވެ.

"އަޅުގަނޑު ހުރިހާ އޮފިޝަލުންނާއި ވާހަކަ ދައްކައިފިން. އަދި ވަރަނާސީގައި ހިނގި ހާދިސާގެ އަސަރުކުރި ހުރިހާ ފަރާތްތަކަށް ވެވެގެން އޮތް ހުރިހާ އެހީއެއް ވުމަށް އެދުނިން"، މޯދީ ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވިއެވެ.