އެމެރިކާގެ ސްޓޭޓް ސެކެޓްރީ ޖޯން ކެރީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ލަންޑަންއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
ޔޫކޭގެ ފޮރިން ސެކެޓްރީ ބޮރިސް ޖޯންސަން ބާއްވާ މަޝްވަރާގައި ކެރީއާއިއެކު ފަރަންސޭސް ވިލާތާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުންތައް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ސުލްހައިގެ މަޝްވަރާތަކުގައި ކެރީވަނީ ހޮނިހިރު ދުވަހު ރަޝިއާގެ ޚާރިޖީ ވަޒީރާއި، ސައުދި އަރަބިއާއާއި އިރާންއާއި ތުރުކީގެ އޮފިޝަލުންނާއިވެސް ބައްދަލުކުރައްވާފައެވެ.
އެއީ މިދިޔަ މަހު އެމެރިކާއާއި ރަޝިއާއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ސީރިއާއަށް ހަމަލާދިނުން ހުއްޓާލުމަށްފަހު، މާގިނަ ދުވަސްތަކެއް ނުވަނީސް އެ އެއްބަސްވުމާއި ޚިލާފްވުމުގެ ސަބަބުންނެވެ.
އޭރުއްސުރެ ރަޝިއާއިން އެއްބާރުލުންދޭ ސީރިއާގެ ބާރުތަކުން ދަނީ އެލެޕޯ ސިޓީއަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. އެއީ އެ ޤައުމުގެ ފަސް އަހަރުވެފައިވާ ދާޚިލީ ހަނގުރާމައިގައި އެންމެ ބޮޑު މައިދާނެވެ.
ބީބީސީގެ ޖެނީވާގެ ރިޕޯޓަރު ބުނީ ކެރީ ލަންޑަންއަށް ވަޑައިގަންނަވާނީ ސީރިއާއަށް އާ ސުލްހައިގެ ޕްލޭންއަކާއިއެކު ނޫން ކަމަށާއި، އޭގެ ބަދަލުގައި އޭނާގެ ވަރަށް ތާޒާ ޚިޔާލުތަކެއް އެބަހުރިކަމަށެވެ.