Last Updated: May 19, 06:08
Sunday, May 19, 2024
ދީން

"އިލްޔާސް ހުކުރު ހުތުބާ ދެއްވީ ފިތުނަ އުފެދޭ ގޮތަަށް"

ޝެއިހް އިލްޔާސް ހުސައިނަށް ދީނީ ތަގުރީރު ދެއްވުމަށް ދީފައިވާ ހުއްދަ ބާތިލް ކުރީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ހުކުރުކުރުމުގެ އުސޫލާ ހިލާފަށް އަމަލު ކުރުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން ވިދާޅުވީ ހުކުރު ހުތުބާ ވިދާޅުވާ ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓްރީން ލިޔެފައި ފޮނުވާ ހުތުބާއެއް ކަމަށެވެ.

އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ހުއްދަ އެއްވެސް ބޭފުޅަކަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްސަން ވިދާޅުވީ ޝައިހް އިލްޔާސް މިދިޔަ ހުކުރު ދުވަހު ފޭދޫގައި އިމާމުވެ ހުކުރު ކުރެއްވި އިރު ދެއްވީ އަމިއްލަފުޅު ހުތުބާއެއް ކަމަށާއި ހުއްދަ ބާތިލް ކުރި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

"އައްޑޫގައި މިދިޔަ ހުކުރު ދުވަހު ޝައިހް އިލްޔާސް ދެއްވީ އަމިއްލަފުޅު ހުތުބާއެއް. އެއީ މިހާރު މިނިސްޓްރީން ހުއްދަ ދޭ ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެހެންކަމުން ފިޔަވަޅު އެޅީ ދިވެހިންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ހުތުބާ ވިދާޅުވުމުން."

އެ ދުވަހުގެ ހުކުރު ހުތުބާގައި އިލްޔާސް ވިދާޅުވީ ވެރިންގެ ތެރޭގައި ވައްކަމާއި ހިޔާނާތާއި މަކަރާއި ހީލަތް ހެދުން ފަދަ ނަހީތައް ހިނގަމުންދާ ނަމަ ކާޑުގެ އަގު ބޮޑުވުން ފަދަ ދަތިތަކާ ގައުމުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.