Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އާއިލީ މީހަކަށް ޖިންސީ ގޯނާކޮށްގެން 20 އަހަރަށް ޖަލަށް

ސ.މަރަދޫ ފޮރެސްޓު، މޫސާ އާދަމް (46)

މަރަދޫގައި 18 އަހަރުން ދަށުގެ އާއިލީ މެމްބަރަކަށް ޖިންސީ ގޯނާ ކުރި 46 އަހަރުގެ ފިރިހެނަކު 20 އަހަރަށް ޖަލަށް ލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ ހުކުމްކޮށްފައި ވަނީ މަރަދޫ ފޮރެސްޓް މޫސާ އާދަމެވެ.

އޭނާ އާއިލާގެ މެމްބަރަކަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވާ އިރު ކޯޓުގައި އޭނާ ވަނީ ތުހުމަތު ތަކަށް އިންކާރުކޮށްފަ އެވެ.

ނަމަވެސް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ މޫސާ އާދަމް ދައުވާ އަށް އިންކާރު ކުރިނަމަވެސް ދައުލަތުން ހުށައެޅި ހެކިންގެ ހެކި ބަހުންނާއި ކޯޓަށް ހުށައެޅުނު އެންމެހާ ހެއްކާއި ގަރީނާތަކަށް ބިނާކޮށް މޫސާ އާދަމް އޭނާގެ އާއިލާގެ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މޫސާ އާދަމްގެ މައްޗަށް އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތަކަށް 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.