Last Updated: July 1, 23:07
Wednesday, July 1, 2026
ޚަބަރު

އޮސްޓްރިއާގައި ހިޓްލަރު އުފަންވި ގެ ނައްތާލަނީ

ފޮޓޯ: އޭއެފްޕީ

އެޑޮލްފް ހިޓްލާ އުފަންވި ގެއަކީ ނިއޯ-ނާޒިންގެ މައި ޖަގަހައަކަށް ވުމުން ސަލާމަތްކުރުމަށްޓަކައި އެ ގެ ހަލާކުކޮށް ނައްތާލަން ނިންމައިފިއެވެ.

ކުރިން ގެސްޓްހައުސް އެއްގެ ގޮތުގައި ބޭނުންކުރި އެ ގޭގެ މުސްތަޤުބަލާއި ބެހޭގޮތުން އޮސްޓްރިއާގައި ވަނީ ވަރަށް ބޮޑަށް ވާހަކަދެކެވިފައެވެ. ބައެއް މީހުން އެތަން ނައްތާލުމަށް ބޭނުންވިއިރު، އަނެއްބައި މީހުން ބޭނުންވީ އެ ގެއިން ކުރާ ބޭނުން ބަދަލުކުރުމަށެވެ.

މި ބަހުސް ހޫނުވެގެން ދިޔައީ އެ ގޭގެ ވެރިމީހާ އެ ގެ ވިއްކުމާއި ދެކޮޅު ހެދުމުންނެވެ.

އެހެންނަމަވެސް، އިންޓީރިއާ މިނިސްޓަރު ވިދާޅުވިކަމަށް ބުނެ އޮސްޓްރިއާގެ ނޫހަކުން ރިޕޯޓް ކުރީ މާހިރުންގެ ކޮމިޓީއަކުން ނިންމި ގޮތުގައި އެ ގެ ޖެހެނީ ނައްތާލަންކަމަށެވެ.

އަދި އެ ނޫހުން އިތުރަށް ބުނި ގޮތުގައި، މިހާރު އެ ގެ ހުރި ބިމުގައި އަލުން އެހެން އިމާރާތެއް ބިނާކުރެވި، އެ އިމާރާތް ސަރުކާރުގެ މަސައްކަތްތަކަށް ނުވަތަ ޗެރިޓީ ކަންތައްތަކަށް ބޭނުން ކުރެވިގެންދާނެ ކަމަށެވެ.

އެގެއާއި މެދު އެ ގޭގެ ވެރިމީހާއާއި ސަރުކާރާއި ދެމެދު ދެބަސްވުންތައް ކުރިއަށް ދާތާ ވަރަށް ގިނަ އަހަރު ވެއްޖެއެވެ. 1972 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މަހަކު 4،800 ޔޫރޯ ދައްކާ ގޮތަށް އެ ގެ ކުއްޔަށް ހިފާފައެވެ.

އެހެންނަމަވެސް، އެ ގޭގެ ވެރިޔާކަމަށްވާ ރިޓަޔާ ވެފައިވާ އަންހެންމީހާ ވަނީ އެތައް ފަހަރެއްގެ މަތިން އެ ތިން ބުރީގެ އިމާރާތް ސަރުކާރަށް ވިއްކުމަށް އިންކާރުކޮށްފައެވެ.

އެހެންނަމަވެސް، އެ އިމާރާތް އޭގެ ވެރިފަރާތުން ސަރުކާރަށް އަތުލެވޭނެ ގޮތަށް މަގުފަހިކޮށްދޭ ޤާނޫނެއް ވަރަށް އަވަހަށް އޮސްޓްރިއާގެ މަޖިލީހުން ފާސްކުރާނެ ކަމަށް ޤަބޫލުކުރެވެއެވެ.