Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

އައްޑޫގެެ ކުނި ނެގުން ވޭސްޓް މެނޭޖްމަންޓަށް

އައްޑޫގެ ގޭބިސީތަކުން ކުނި ނެގުން ހަވާލުކޮށްފައިވާ އެމްއާރްޑީސީ އަށް އެމަސައްކަތް އެކަށީގެންވާ ގޮތަށް ނުކުރެވޭތީ، ކުނި ނެގުން އެކުންފުނިން ވަކި ކުރާ ގޮތަށް ނިންމައިފި އެވެ.

އެންވައިރަމެންޓް މިނިސްޓްރީގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އަށް ވިދާޅުވީ ކުނި ނެގުން އެމްއާރްޑީސީން ވަކި ކޮށްހަވާލު ކުރުމަށް ނިންމާފައި ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ކަމަށެވެ.

އެ ކުންފުންޏަކީ މާލެ ސަރަހައްދުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

އޮފިޝަލް ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން މަސައްކަތާއި ހަވާލުވުމަށްވާން ޖެހޭ ތައްޔާރީތައް ވުމަށް މިނިސްޓްރީގެ ފަރާތުން އެދިފައިވާ ކަމަށެވެ.

އެމްއާރްޑީސީއާއި ހަވާލުކޮށްގެން އައްޑޫގެ ގޭބިސީތަކުން އުފެދޭ ކުނި ނެގުމަށް ފެށި މަސައްކަތް ވަނީ މުޅިން ނާކާމިޔާބުވެފަ އެެވެ. ހަފްތާއަކު 3 ދުވަހު ކުނި ނެގުމަށް 159 ރުފިޔާ ދެއްކި ނަމަވެސް މަހަކު އެއް ފަހަރު ވެސް ގޭގެއިން ކުނި ނުނެގެ އެވެ.

އެ ކުންފުނިން ބުނީ ކުނި ނުނެގެނީ ކުނި ނަގާނެ ވެހިކަލް ނެތުމުން ކަމަށެވެ.

އެމްއާރްޑީސީ އާއި ކުނި ނެގުން ހަވާލު ކުރިފަހުން، އައްޑޫގެ އެތަން މިތަން ގޮޑުވެފައިވާ އިރު އެކުންފުނީގެ ދަށުގައިވާ ކުނި ކޮށީގައި އެތައް ފަހަރަކު ވަނީ ރޯވެފައެވެ.