Last Updated: July 1, 23:07
Wednesday, July 1, 2026
ވިޔަފާރި

ގޯލްޑްމޭން ސެކްސްގެ ފައިދާތައް 2.1 ބިލިއަން ޑޮލަރަށް އަރައިފި

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ އިންވެސްޓްމެންޓް ބޭންކް ކަމަށްވާ ގޯލްޑްމޭނަ ސެކްސްއިން އަހަރުގެ ތިންވަނަ ކުއާޓަރުގައި 58 އިންސައްތައިގެ ފައިދާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

ސެޕްޓެމްބަރުގެ ނިޔަލާ ހަމައަށް ތިންމަހުގެ ތެރޭގައި އެ ކުންފުނީގެ އާމްދަނީ ވަނީ 2.1 ބިލިއަން ޑޮލަރަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ 1.33 ބިލިއަން ޑޮލަރަށްވުރެ މަތީ އަދަދެކެވެ.

އެ ބޭންކްގެ ފައިދާ އިތުރުވެފައިވަނީ ބޮންޑްއާއި ފައިސާގެ ނޫޓްފަދަ އެއްޗެހީގެ ވިޔަފާރި ރަނގަޅުވުމުންނެވެ.

އެ ކުންފުނީގެ ފިކްސްޑް އިންކަމްއާއި، ފައިސާގެ ނޫޓްތަކާއި ކޮމޯޑިޓީސް ޔުނިޓްގެ ފައިދާތައްވަނީ 1.96 ބިލިއަން ޑޮލަރަށް އަރާފައެވެ. މި ދާއިރާތަކުގައި ވިޔަފާރި ކުރުން އިތުރުވެފައިވަނީ ޔޫކޭގެ ބްރެކްސިޓް ވޯޓްއަށް ފަހުގައެވެ.

ގޯލްޑްމޭންއިން މިއަހަރުގެ ކުރީކޮޅު ބުނީ އެ ކުންފުނީގެ އޯވާހެޑް ކޮންމެ އަހަރަކު 700 މިލިއަން ޑޮލަރުން ކުޑަކުރާނެ ކަމަށެވެ. އޭގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދުވެސް ވަނީ 5 އިންސައްތަ މަދުވެފައެވެ. އެއީ 1900 މުވައްޒަފުންނަށެވެ.

މީގެ އެއް އަހަރު ކުރިއަށް ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުނިންދޭ މުސާރައާއި ބޯނަސް ފިޔަވައި އެހެން ޚަރަދުތައް ވަނީ 15 އިންސައްތަ ދަށަށް ގޮސްފައެވެ.

އެ ބޭންކްއިން ބުނީ މުސާރައާއި ބޯނަސްގެ ގޮތުގައި ކުރެވޭ ޚަރަދުތައް ވަނީ 36 އިންސައްތަ އިތުރުވެފައި ކަމަށެވެ. އެއީ އެ ކުންފުނީގެ 34،900 މުވައްޒަފުންނަށް 3.2 ބިލިއަން ޑޮލަރެވެ. އޭގެތެރެއިން 6500 މުވައްޒަފުން މަސައްކަތް ކުރަނީ ޔޫކޭގައެވެ.

ގޯލްޑްމޭން ސެކްސް އަކީ ދުނިޔޭގެ އެންމެ ނުފޫޒްގަދަ ބޭންކްތަކުގެ ތެރޭގައި ހިމެނޭ ބޭންކްއެކެވެ. އެ ކުންފުނީގެ ކުރީގެ މުވައްޒަފުންނަކީ، ކުންފުނިން ކެނޑުމަށްފަހު އެމެރިކާ، ޔޫކޭ އަދި ޔޫރަޕްގެ އެންމެ ފުންނާބު އުސް މާލީ މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބޭންކް އޮފް އިންގްލޭންޑްގެ ގަވަރުނަރު މާކް ކާނީ އަކީވެސް ގޯލްޑްމޭންގެ ކުރީގެ މުވައްޒަފެކެވެ.