Last Updated: June 26, 17:59
Friday, June 26, 2026
ސިޔާސީ

ޝުޖާއު އާއި ވައްޑެ ޕީޕީއެމް ކައުންސިލުން ވަކިކޮށްފި

ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކަށް މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަނީ -- ވީފައިލް ފޮޓޯ

ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާ ޕީޕީއެމް ކައުންސިލުން ވަކިކުރަން ޕީޕީއެމް ޔާމީން ފެކްޝަނުގެ ސުލޫކީ ކޮމެޓީން ނިންމައިފިއެވެ.

ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސް ވައްޑެ އާއި އެފެކްޝަންގެ ސްޕޯކްސް ޕާސަން ޝުޖާއު ވަކިކުރަން ނިންމީ ސުލޫކީ ކޮމެޓީގެ 5 މެމްބަރުންގެ އައްލަބިއްޔަތުންނެވެ.

ޝުޖާއު އަދި ވައްޑެ ވަކިކުރި އިރު ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ރައީސް މައުމޫން ފެކްޝަނުން ރޭ ވަނީ ނިންމާފައެވެ. އަދި ވަގުތީ ސުލޫކީ ކޮމެޓީއެއް އުފެއްދުމަށް ރައީސް މައުމޫންއަށް ވަނީ ފުރުސަތު ދެއްވާފައެވެ.

ޕީޕީއެމް އެތެރޭގައި ދެ ފެކްޝަން ހެދިފައިވާއިރު ކޮންމެ ފެކްޝަނަކުންވެސް އަންނަނީ ނިންމުންތައް ނިންމަމުންނެވެ. މީގެ ތެރެއިން ސައްހަ ނިންމުންތައް ކަމަށް އަދި ބަލަނީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނެވެ. އެއީ ސިވިލް ކޯޓުން ޕާޓީ ހިންގުން ރައީސް ޔާމީން އާއި ހަވާލުކޮށްފައިވާތީއެވެ.