Last Updated: July 1, 23:07
Wednesday, July 1, 2026
ޚަބަރު

"ޝާހީ އާއިލާ ވެސް ގާނޫނަށް ވުރެ މައްޗެއް ނުވާނެ"

ފޮޓޯ: ޢަރަބް ނިއުސް

އެމަނިކުފާނުގެ ސަރުކާރުން ޤައުމުގައި ކޮރަޕްޝަން ހިންގުމަށް އެއްވެސް ޖާގައެއް ނުދޭނެކަމަށާއި، އެމަނިކުފާނާއި އަދި ޝާހީ އާއިލާގެ އެހެނިހެން ބޭފުޅުންނަކީވެސް ޤާނޫނަށް ވުރެ މަތީގައި ތިބޭ ބައެއް ނޫން ކަމަށް ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ވިދާޅުވެއްޖެ އެވެ.

"ބައެއް ޤައުމުތަކުގައި ސަރުކާރުގެ ވެރިންނާއި ރަސްގެފާނުންނަށް ޤާނޫނީ ފިޔަވަޅުތަކުން ހިމާޔަތް ލިބިގެންވޭ. އެކަމަކު މިތާނގައި ކޮންމެ ރައްޔިތަކަށްވެސް ރަސްގެފާނާއި ޝާހީ އާއިލާގެ ކޮންމެ މެމްބަރަކާއި ދެކޮޅަށްވެސް ކޯޓުގައި މައްސަލައެއް ހުށައެޅޭނެ"، ބުދަ ދުވަހު ޖިއްދާގައި އެންޓި ކޮރަޕްޝަންގެ އޮފިޝަލުންނާއި އާންމު އަދި އަމިއްލަ މުއައްސަސާތަކުގެ އެކްޓިވިސްޓުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ރަސްގެފާނު ވިދާޅުވިއެވެ.

ރަސްގެފާނު ވިދާޅުވީ އެއް ފަހަރަކު އެމަނިކުފާނުގެ ބައްޕާފުޅުގެ މައްސަލައެއްވެސް ވަނީ އާންމު ރައްޔިތަކު ކޯޓަށް ހުށައަޅާ، އެ މައްސަލަ ކުރިއަށް ގެންގޮސްފައެވެ. ރަސްގެފާނު އަބްދުލް އަޒީޒް ބޭނުންފުޅުވީ ޤާނޫނާއި އެއްގޮތަށް ކަންކުރުމަށެވެ. އެހެންކަމުން ހުށައެޅުނު މައްސަލައާއި ދެކޮޅަށް މައްސަލައެއް ހިފައިގެން އެމަނިކުފާނު ކޯޓަށް ހާޒިރުވިފއެވެ. ކޯޓުގެ ނިންމުން އައީ ރަސްގެފާނާއި އެއްކޮޅަށެވެ. އެހެންނަމަވެސް އެއީ އެއްވެސް ނުފޫޒެއް އޮވެގެންނެއް ނޫނެވެ. އެ މައްސަލަ ނިންމި ޣާޒީއަކީ ޝެއިޚް ސާދު ބިން އާތިގުއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށާއި، ސަރުކާރުގެ މެމްބަރުން އަދި މުޖުތަމަޢުއަށް ކުރެވޭ ކުށްތައް ދައްކާ ރައްޔިތުންނަށް ﷲ ސަވާބުދެއްވާނެކަމަށެވެ. އާންމު ރައްޔިތުންނަށް ފޯނު މެދުވެރިކޮށް، ލިޔުމުން ނުވަތަ ސީދާ ގޮތުން ބައްދަލުވެގެންވެސް މައްސަލަ ހުށައެޅޭނެއެވެ.

ރަސްގެފާނު ސަލްމާން ވިދާޅުވީ އެމަނިކުފާނު ދެކޭގޮތުގައި އެމަނިކުފާނުގެ ޙައްޤުތަކަށްވުރެ ރައްޔިތުންގެ ޙައްޤުތައް މާ މުހިންމު ކަމަށާއި، ކޮރަޕްޝަނާއި ދެކޮޅަށް ބޭނުންކުރެވޭ އެންމެ ބޮޑު ދިފާޢުއަކީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ މުހައްމަދު ބިން ސައުދުގެ ޒަމާނުއްސުރެ ތުރުކީ ބިން އަބްދުﷲ އާއި ހަމައަށް އެ ޤައުމު ޢަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ. އަދި އެއާއި އެއްގޮތަށް އެމަނިކުފާނުގެ ބައްޕާފުޅަށްފަހު ސައުދު، ފައިސަލް، ޚާލިދު، ފަހުދު، އަބްދުﷲ އަދި ކުރިއަށް އޮތްތަނުގައި ރަސްކަމަށް ވާދަކުރާނެ ސުލްތާންއާއި ނާއިފްވެސް ޢަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ.

ރަސްގެފާނު ސަލްމާން ވިދާޅުވީ އެމަނިކުފާނުގެ ޤައުމަކީ ހުރިހާ އެންމެންނަށްވެސް ރައްކާތެރި ތަނެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެޤައުމުގެ ޤާނޫނަކީ ﷲގެ ފޮތް ނުވަތަ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި އަދި ޚާލީފާއިންގެ ރީތި މިސާލުތައް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް ޝާހީ އާއިލާގެ ކޮންމެ މެމްބަރަކަށްވެސް، އިތުރު އިއްޒަތްތެރި ލަޤަބެއް ބޭނުންނުކޮށް، އެ މެމްބަރެއްގެ ފުރަތަ ނަމުން މުޚާތަބު ކުރެވިދާނެ ކަމަށެވެ.

އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެޤައުމުގެ ފަޚުރާއި، ބާރާއި ޒިންމާވަނީ އެޤައުމަކީ ދުނިޔޭގެ ވަށައިގެންވާހާ މުސްލިމުން ނަމާދުކުރުމަށް ކުރިމަތިލާ ދިމާ (ޤިބްލަ) ކަމުގައިކަމަށެވެ. ކީރިތި ޤުރުއާން ކީރިތި ރަސޫލާއަށް ބާއްވައިލެއްވުނީވެސް އެތާނގައި ކަމަށާއި، ބާއްވައިލެއްވުނީ ޢަރަބި ބަހުން ޢަރަބި ރަސޫލަކަށްވުމަކީ ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކަށްވުރެ ސައުދި އަރަބިއާގެ ޒިންމާ ބޮޑުވެގެންދާ ކަމެއްކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނޭޝަނަލް އެންޓިކޮރަޕްޝަން ކޮމިޝަންގެ ޗެއާމަން ޚާލިދު އަލް-މުޙައިސިން ވިދާޅުވީ އެ ރަސްކަން އެއްބައިވި ދުވަހުއްސުރެ ފެށިގެންވެސް ރަސްގެފާނު އަބްދުލްއަޒީޒް އަންނަނީ ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށެވެ.

އަލް-މުޙައިސިންއާއި ރަސްގެފާނު އަބްދުލްއަޒީޒު ރައްޔިތުންނަށް ދެއްވި މެސެޖުގައި ވިދާޅުވެފައިވަނީ އޮފިޝަލުންނާއި ދެކޮޅަށް މައްސަލަތައް ހުށަނާޅާނަމަ، އެއީ ތިމާގެ އަމިއްލަ ނަފްސާއި ދެކޮޅަށް ކުރެވޭ ކުށެއްކަމަށެވެ. "ގަވާމެންޓް ހައުސް" ނުވަތަ ސަރުކާރުގެ ގަވަރުނަރުން ދިރިއުޅޭ ގޭގެ ކައިރީގައި ޝަކުވާ ފޮށްޓެއް ވަނީ ބެހެއްޓިފައެވެ. އެއީ މައްސަލަ ހުށައެޅޭ އޮފިޝަލުންގެ ކިބައިން ރައްޔިތުންނަށް ހީވާ ބިރު ނައްތާލުމަށްޓަކައެވެ.

އަލް-މުޙައިސިން ވިދާޅުވީ ރަސްގެފާނުގެ މެސެޖަކީ އެ މުއައްސަސާއަށް ވަރަށް މުހިންމު މެސެޖެއް ކަމަށެވެ. އަދި އެ މުއައްސަސާގެ ޙަރަކާތްތަކަށް އެއްބާރުލުންދޭ ކަމަށްޓަކައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށް ޝުކުރު ދެންނެވިއެވެ.