އިންޑިއާގެ ހުރިހާ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ސްޓޭޝަންތައް ޕާކިސްތާނުގައި މުޅިން މަނާކޮށްފިއެވެ. އަދި އެ ނިންމުމާއި ޚިލާފުވާ ހުރިހާ ސްޓޭޝަންތަކެއް ބަންދުކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެކަމުގެ ސަބަބުން ކޭބަލް ޓީވީ ހިންގާ ފަރާތްތަކާއި ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއީ ޕާކިސްތާނުގައި އިންޑިއާގެ ސީރިއަލްތަކާއި ބޮލީވުޑް ފިލްމުތައް ވަރަށް މަޝްހޫރުވީމައެވެ.
އެ ޤަވާއިދު ނެރެފައިވަނީ ދެކުނު އޭޝިއާގެ ޤައުމްތަކާއި ޕާކިސްތާނާއި އޮންނަ ގުޅުން ވަރަށް ހީނަރުވެފައިވާ ވަގުތެއްގައެވެ.
ކަޝްމީރުގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި ދެކޮޅަށް ޖުލައިމަހު އިންޑިއާއިން ފިޔަވަޅުތައް އަޅަން ފެށުމުން ދެ ޤައުމުގެ ދެމެދުގައި މައްސަލަވަނީ ވަރަށް ހޫނުވެފައެވެ.
މިލިޓެންޓުން ކަޝްމީރުގައި ހުންނަ ސިފައިންގެ ޖަގަހައަކަށް ސެޕްޓެމްބަރުގައި ދިން ހަމަލާއެއްގައި 18 ހަނގުރާމަވެރިން ނިޔާވި މައްސަލައިގެ ސަބަބުން އެ ގުޅުން ވަނީ އިތުރަށް ހީނަރުވެފައެވެ.
އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުންދަނީ ކަޝްމީރުގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ފަރާތްތަކަށް ހަތިޔާރާއި ޓްރެއިނިންގް ދެމުންކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިކަން ދޮގުކޮށްފައެވެ.
ޕާކިސްތާނުން އިންޑިއާގެ ޓީވީއާއި ރޭޑިއޯ ޗެނަލްތައް މަނާކޮށްފައިވާއިރު، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ހުރިހާ ފަންނާނުން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރުން މަނާކުރުމަށް ގޮވާލާފައެވެ.
ޕާކިސްތާނުގެ ސިނެމާތަކުން އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ވަނީ ހުރިހާ ބޮލީވުޑް ފިލްމްތަކާއި އަދި އިންޑިއާގެ ބައެއް ޗެނަލްތައް މަނާކޮށްފައެވެ.
ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުން އަންނަ ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނުގެ ބާރު އޮންނަ ރަށެކެވެ. އެކަމުގެ ސަބަބުން އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ހަނގުރާމަ ކުރަމުން އަންނަތާ މިހާރު އެތައް އަހަރުތަކެއް ވެއްޖެއެވެ.
އިންޑިއާގެ ވެރިކަމާއި ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކަށް ދެމަސް ވެފައިވާއިރު، މުޒާހަރަކުރި މީހުންގެ ތެރެއިން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.