Last Updated: June 12, 06:38
Friday, June 12, 2026
ސިޔާސީ

ނަޝީދު ޔޫކޭގެ އޮފިޝަލުންތަކަކާ ބައްދަލުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ބައެއް އިސް ވެރިން ޔޫކޭގެ ޕާލިއަމަންޓަރީ އަންޑަ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތް އެފައަޒް އެލިސްޓެއަ ބާޓް އާާއި ޑެޕިއުޓީ ހައިކޮމިޝަނަރު ރޮބީ ބުލޮކް އާ ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވީ، މި އަހަރު ބޭއްވުމަށް ނިންމާފައިވާ އިންތިޚާބުގެ ކުރިން އިންތިޤާލީ މަރްހަލާ ބައިނަލް އަޤުވާމީ އެހީތެރިކަމާއި އެކު ޤާއިމްކުރުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުންނާއި، ރާއްޖޭގެ ސިޔާސީ ހާލަތު ރަގަޅުކޮށް މިހާރު ހުއްޓިފައިވާ ގިނަ ކަންތައްތައް ފެށިގެން ރަގަޅުވާނީ އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިގެން ކަމުގަ ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ބައްދަލުކުރުމުގައި ހުރިހާ ޕާޓީތަކުގެ ކެންޑިޑޭޓުން ބައިވެރިވެވޭނެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެމެރިކާ ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވަފުދުން ހާމަ ކުރެއްވި އެވެ.

އިއްޔެގެ މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، ކޮމިޝަން އޮފް ނޭޝަނަލް އެންކްއަރީ (ކޯނީ) އިން ފެބްރުއަރީ 6، 7 އަދި 8 ހިނގި ކަންތައް ދިރާސާ ކުރުމަށް ފަހު އެކުލަވާލި ރިޕޯޓާއި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔާތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެ ތިން ދުވަހު ހިނގާދިޔަ ކަންތައް ބަލާ ދިރާސާ ކުރުމަށް ފަހު ޢާންމު ކުރި މަޢުލޫމާތުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

އަދި ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން އެމްޑީޕީގެ އެކްޓިވިސްޓުން ހައްޔަރު ކުރަމުން ގެންދާތިއާ، ޤާނޫނީގޮތުން ލިބިދީފައިވާ ހައްޤުތައް ބޭނުންކުރަމަށް ފުލުހުން ހުރަސް އަޅަމުން ދާތީ އެކަމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެ އިތުރުން ޑރ. އަފްރާޝީމް އަލީގެ އަނިޔާވެރި މަރުގެ ތަޙްގީގް މަޑުޖެހިފައިވާތީ މިކަމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

ރާއްޖޭ ޑިމޮކްރަސީ އަށް ކުރަމުންދާ ދަތުރުގައި ޔޫކޭގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން ދާތީ އެކަމާއި ޝުކުރު އަދާކޮށް ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.