Last Updated: June 12, 06:38
Friday, June 12, 2026
ސިޔާސީ

ރިޔާސީ އިންތިހާބް ސެޕްޓެމްބަރު 7 ގައި

މި އަހަރު ބާއްވާ ރިއާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާނުކޮށްފައި މިވަނީ އިންތިޚާބު ބާއްވާނެ ތާރީހު އިއުލާންކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ކިބައިން ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ބަލާ އިރު ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވޭނެ ކަމަށެވެ.

އިންތިޚާބު ބާއްވާނެ ތާރީހެއް ވީއެންމެ އަވަހަކަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެން ރައީސް ޑރ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މި އަހަރުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެ ކަމަށެވެ.

އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރީތައް ވަމުން ގެންދާ އިރު، މިފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުން މިހާރު ވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް ޑރ. ވަހީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބް ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ އާއިި ޕީޕީއެމްގެ އަބްދުﷲ ޔާމީނާއި އެ އެ ޕާޓީގެ އުމަރު ނަސީރު ފަދަ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.