ސާޅީހަކަށް މީހުން ވެގެން ދިވެހި ގައުމު ހިށޯރުކޮށްފައިވާ ކަމަށާއި އެމީހުންގެ ފަރާތުން ގައުމު މިންޖުކުރަން ޖެހޭކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސާ އާމިނަތު ނާދިރާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބް ރައީސް ކަމުން އަބްދުއް ރަހީމް ވަކިކޮށް، ޕީޕީއެމްގެ ދެވަނަ ނައިބް ރައީސަކަށް އައްޔަން ކުރި ނާދިރާ ވިދާޅުވީ ގައުމު ހިސޯރުކޮށްގެން އުޅެނީ މަދު ބައެއް ކަމަށާއި އެމީހުން މިގައުމުން ހުސްވަމުންދާ ގޮޑިތައް ފުރަމުން އަންނަ ކަމަށެވެ. ނާދިރާ ވިދާޅުވީ އެފަރާތްތަކުގެ ކިބައިން ދިވެހި ގައުމު މިންޖުކުރަން ޖެހޭކަމަށެވެ.
ރޭ ރާއްޖެ ޓީވީ ފަލަސުރުހީގައި ވާހަކަފުޅު ދައްކަވަމުން ނާދިރާ ވިދާޅުވީ ޕީޕީއެމް ހަރުދަނާ ކުރެއްވުމަށް ރައީސް މައުމޫން މީގެ ކުރިންވެސް މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އެކަމަށް ހުރަސްއަޅުވަމުން ދިޔަ ކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ރައީސް މައުމޫން ދޫ ނުކުރައްވާނެ ކަމަށެވެ.
ރޭގެ ޕްރޮގްރާމްގައި ނާދިރާގެ އިތުރުން ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) ވެސް ވަނީ ސަރުކާރަށް ވަރަށް ފާޑު ވިދާޅުވެފައެވެ. ވައްްޑެ ވިދާޅުވީ ރައީސް މައުމޫނާއި ނުލައި ޔާމީންއަށް 3 ޕަސެންޓް ރައްޔިތުންގެ ތާއިދުވެސް ނު ހޯއްދެވޭނެ ކަމަށެވެ.