ލިފްޓްއެއްގެ ތެރޭގައި ތާށިވުމަކީ މީހަކަށް ދިމާވެދާނެ އެންމެ ބިރުވެރި އެއްކަމެވެ. އެހެން ނަމަވެސް، ދާދިފަހުން ލިފްޓްއެއްގެ ތެރޭގައި ތާށިވި ކިޔަވާ ކުއްޖަކު އެކަމާ ބިރުގަނެ ހާސްވުމުގެ ބަދަލުގައި ވީ އުފަލެވެ.
13 އަހަރުގެ ޗައިނާގެ ކިޔަވާ ކުއްޖެއް ކަމަށްވާ ސަން ޔީސިއާއޯ ސްކޫލުން އަނބުރާ ގެއަށް ނައުމުން އޭނާގެ އާއިލާއިން ކަންބޮޑުވިއެވެ. އޭނާގެ ރަހުމަތްތެރިންގެ އެހީއާއިއެކު، އެންމެ ފަހުން އޭނާ ފެނުނީ ލިފްޓްއެއްގެ ތެރޭގައި ތާށިވެފައި އޮތްވައެވެ.
އާންމުކޮށް ކޮންމެ މީހަކުވެސް ބިރުގަންނާނެ ގޮތާއި ޚިލާފަށް، ލިފްޓް ވެއްޓުމުން ހުއްޓުވުމަށްޓަކައި ސަން ކުރި ކަމަކީ އެންމެ ތިރީ ފަންގިފިލާގެ ބަޓަންއަށް ފިއްތާލީއެވެ. އެހެންނަމަވެސް ހަޤީގަތުގައި ކަން މިހެން ހިނގިތޯ ނުވަތަ ނޫންތޯ އެއްވެސް މީހަކަށް ނޭނގެއެވެ.
ގިނަ މީހުން ހައިރާންވި ކަމަކީ، ލިފްޓް ތެރޭގައި ތާށިވެފައި ހުރި 5 ގަޑިއިރު ސަން ބޭނުންކުރީ އޭނާގެ ފިލާވަޅުތައް ނިންމަން ކަމަށްވާތީއެވެ.
ފުރަތަމަކޮޅު އިންޓަކޮމް މެދުވެރިކޮށް އެހީއަށް ގޮވަން އޭނާ މަސައްކަތް ކުރިނަމަވެސް، އެކަންވީ ނާކާމިޔާބަކަށެވެ.
ލިފްޓް ތެރެއިން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެގޮތުން އަމިއްލަ އަތުން ލިފްޓްގެ ދޮރު ހުޅުވޭތޯވެސް މަސައްކަތްކުރިއެވެ. ހުރިހާ ކަމެއްވެސް ނާކާމިޔާބުވުމުން އޭނާ ނިންމީ ދެން މީހަކު އޭނާ ހޯދަން އަންނަންދެން މަޑުކުރާށެވެ. ކުޑަ ކަރުދާސް ކޮޅެއްގައި އޭނާގެ ޙާލަތު ބަޔާންކުރުމަށްފަހު އެ ގަނޑުކޮޅު ލިފްޓްގެ ދޮރުމެދުން އޭނާ ބޭރަށް ފޮނުވިއެވެ.
"ލިފްޓް ތެރޭގައި ކޮންމެވެސް މީހަކު އެބައިން. އިމާރާތުގެ އެޑްމިނިސްޓްރޭޝަންއާއި ގުޅުމަށް އެދެން"، އޭނާގެ ނޯޓްގައި އޮތެވެ.
ކުރާނެ އެހެން އެއްވެސް ކަމެއް ނެތުމުން، ސަން ލިފްޓް ތެރޭގައި އިށީނދެ ދެން ފެށީ ހިސާބު މައްސަލަތައް ހަދާށެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި އޭނާ ލިފްޓް ތެރޭގައި ހޭދަކުރި ވަގުތުގައި ސަން އޭނާގެ ހިސާބު، ސައިންސް އަދި ޗައިނީޒް އެސައިންމެންޓްތައް ނިންމިއެވެ.
އޭނާ ލިފްޓް ތެރޭގައި ތާށިވީ ޖުމްލަ ފަސް ގަޑިއިރަށެވެ.
ފަޔާފައިޓާސް އޭނާގެ އެހީއަށް އައިއިރު، ސަން އިނީ އެސައިންމެންޓްތައް ނިންމާލުމަށްފަހު ފިލާވަޅުތައް ދަސްކުރާށެވެ.
އެ ހާދިސާއަށްފަހު ސަންއަށް ވަނީ އޭނާގެ ކުލާސް ކުދިންގެ ފަރާތުން "ކޫލް ހެޑެޑް ސްޓޫޑެންޓް" ގެ ވަނަން ލިބިފައެވެ.