Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ބޯޓެއްގެ ފަޅުވެރިން ފަސް އަހަރު ވަންދެން މީދާ ކައިފި!

ފޮޓޯ: އީޕީއޭ

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އަތްދަށުގައި ގާތްގަނޑަކަށް ފަސް އަހަރުވަންދެން ތިބި ކަނޑުދަތުރުކުރާ މީހުން ދިރިތިބީ މީދާތައް ކައިގެން ކަމަށް، ސަލާމަތްވި މީހުންގެ ތެރެއިން އެކަކު ބީބީސީއަށް މަޢުލޫމާތު ދިނެވެ.

ފިލިޕިންސްގެ ކަނޑުދަތުރު ކުރާ އާނެލް ބަލްބެރޯ ބުނީ އެމީހުންނަށް ފެންވެސް ދެނީ ވަރަށް މަދުންކަމަށާއި، ސަލާމަތްވިއިރު ހީވީ މަރުވެފައި ތިބި ބަޔަކުހެން ކަމަށެވެ.

26 ކަނޑުދަތުރުވެރިން ދަތުރު ކުރަމުން ދިޔަ ބޯޓް ހިސާރުކުރެވުނީ 2012 ވަނަ އަހަރުގައެވެ. އެއަށްފަހު އެމީހުން ސޯމާލިއާއަށް ގެންދިޔައެވެ.

އެމީހުން މިނިވަންކުރެވުނީ ހޮނިހިރު ދުވަހު އެމީހުންގެ މިނިވަންކަމުގެ އަގު ދެއްކުމުންނެވެ.

ހައްޔަރުކުރެވުނު ދަތުރުވެރިންނަކީ ޗައިނާ، ފިލިޕިންސް، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް އަދި ޓައިވާންއަށް ނިސްބަތްވާ މީހުންނެވެ.

ބަލްބޭރޯ އަކީ ސޯމާލިއާގެ ކަނޑުފޭރޭ މީހުން އެފްވީ ނަހަމް 3 ބޯޓް ސީޝެލްސްގެ ދެކުނުން ހިސާރުކުރި ދުވަހު، އެ ބޯޓްގައި ތިބި މީހުންގެ ތެރެއިން އެކަކުއެވެ. މިނިވަން މުއައްސަސާއެއް ކަމަށްވާ އޯޝަންސް ބިޔޯންޑް ޕައިރެސީއިން ބުނެފައިވާ ގޮތުގައި ހިސާރުކުރުމުގެ ތެރޭގައި އެއް ފަޅުވެރިއަކު ވަނީ ނިޔާވެފައެވެ.

އޭގެ އެއް އަހަރު ފަހުން އެ ބޯޓް ވަނީ އަޑިއަށް ގޮސްފައެވެ. އޭގެ ސަބަބުން ބޯޓްގެ ފަޅުވެރިން ސޯމާލިއާއަށް ބަދަލުކުރެވުނެވެ. އެއަށްފަހު ބަލިމަޑުކަމުގެ ސަބަބުން ދެ ފަޅުވެރިން ވަނީ ނިޔާވެފައެވެ.

ބަލްބޭރޯ ބީބީސީއަށް މަޢުލޫމާތު ދިން ގޮތުގައި ފަހު ހަތަރު އަހަރާއި ހަ މަސްދުވަސް ވެގެންދިޔައީ އޭނައާއި އޭނާގެ އެހެން ފަޅުވެރިންނަށް ވަރަށް ދަތި ދުވަސްތަކަކަށް ކަމަށެވެ.

ކަނޑުފޭރޭ މީހުން އެ ފަޅުވެރިންނާއިމެދު ކަންތައް ކުރީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ، "އެމީހުން އަހަރުމެންނަށް ދެނީ ވަރަށް މަދު މަދުން ފެން. އަހަރުމެން ކެއީ މީދާ. އާނ، އަހަރެމެން އެ ކައްކަނީ ޖަންގަލީގައި".

"އަހަރެމެން ހަމަ ކޮންމެ އެއްޗެއްވެސް ކަން. ބަނޑުހައިވީމަ ކާނެ. މިކަން ނިމޭއިރު މި ދިރިއުޅުމުން ބޭރުގައި ދުނިޔެއަކީ ކޮބައި ކަމެއް އަހަންނަކަށް ނޭނގެ. އެހެންވެ އަލުން ފަށަން ވަރަށް އުނދަގޫވާނެ"، އޭނާ ބުންޏެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމީހުންނަށް ފެނާއި ކާބޯތަކެތިވެސް ނުލިބެއެވެ. އަދި ބަލިވެއްޖެނަމަ ބޭސްވެސް ނުދެއެވެ.

ޓައިވާންގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޓައިވާންގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެމީހުން މިނިވަންކުރީ އެކަމުގެ އަގު ދެއްކުމުން ކަމަށެވެ.

ހިސާރުކުރެވުނު ބޯޓްގައި އޮމާންގެ ދިދަ ހުރިކަމުގައިވިޔަސް، އެއީ ޓައިވާންގެ ކުންފުންޏެއްގެ ބޯޓްއެކެވެ.