Last Updated: March 28, 19:01
Thursday, March 28, 2024
ރިޕޯޓް

އައްޑޫގެ މަގު ހަދަން ނުފެށި އަހަރު ނިމެނީ

އައްޑޫގެ މަގު ހެދުން ބަޖެޓްގައި ހިމަނައި މިއަހަރު ނިމުމުގެ ކުރިން މަގުތައް ނިންމުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރު ޖެނުއަރީ ދެ ވަނަ ދުވަހު އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ މިހާރު އައްޑޫގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން ވެސް އިތުރު މަޝްރޫއެއް ފެށި ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ލިންކްރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ
ލިންކްރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

2016 ވަނަ އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާ އިރު އަދި މިހާތަނަށް އައްޑޫގެ އެއްވެސް މަގެއް ހެދުމުގެ މަސައްކަތެއް ހައުސިން މިނިސްޓްރީންވެސް އަދި އެމްއާރްޑީސީންވެސް ކުރަން ފަށާފައި ނުވެއެވެ. ހުޅުދޫގައި މަގު ހެދުމަށް ބޭނުން ކުރުމަށް ބައެއް ކުދި ކުދި ސާމާން ގެންދިޔަ ނަމަވެސް ޑރ. މުއިއްޒު ވިދާޅުވި މަގު ހެދުމުގެ މަސައްކަތެއް ފެށިފައި ނުވެއެވެ.

"އައްޑޫގެ ހުރިހާ ރަށެއްގައި ވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށާއި ބަޖެޓުގައި އޮންނާނީ އައްޑޫ ސިޓީގެ މަގު ހެދުން ފޭސް 2 ގެ ނަމުގައި މަޝްރޫޢު އެއްކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިތާ މިއަދަށް 10 މަހާއި 3 ހަފްތާ ވެފައިވާ އިރު ރައްޔިތުން އަދިވެސް ތިބީ މަގު ނެހެދޭތީ އެކަމުގެ ޝަކުވާގައެވެ.

އައްޑޫގައި މިހާރު ތާރު އަޅައިގެން ހަދާފައިވާ މަގުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ ދެން ހަދާ މަގުތައް ހަދާނީ ފެން ހިންދާ ނިޒާމާއި އެކު ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ބަޖެޓްގައި އައްޑޫގެ މަގުހެދުން ހިމަނާފައިވާ އިރު މިކަމާއި ހައުސިން މިނިސްޓްރީން އެދެވޭ މަސައްކަތްތަކެއް ކުރިތަން ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި ނުފެނެއެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން މަގު ސާވޭ ކުރާ މަންޒަރު ފެނެއެވެ.

އައްޑޫގައި މަގުހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތެއް ނުފެށި އޮތް އިރު މާލޭގެ މަގު ހެދުން ބާރު ސްޕީޑެއްގައި ހައުސިން މިނިސްޓްރީން ގެންދަނީ ކުރައްވަމުންނެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ވެހިކަލް ދުއްވާ އައްޑޫގެ މަގުތަކުގައި ވަނީ "އަޑިނޭގޭ" ބޮޑެތި ވަޅުގަނޑުތައް ހެދިފައެވެ.