ކެނެޑާގެ އޮންޓޭރިއޯގެ ނާސިންގް ހޯމްއެއްގައި މަސައްކަތް ކުރަމުން ދިޔަ 49 އަހަރުގެ ނަރުހަކު އެކި އަހަރުތަކުގެ މަތިން އަށް މީހުން މެރިކަމުގެ ކުށުގައި ހައްޔަރުކޮށްފި އެވެ.
އޮންޓެރިއޯގެ ވުޑްސްޓޮކްއަށް ނިސްބަތްވާ އެލިޒަބެތު ޓްރޭސީ މޭ ވެޓްލޯފާ ވަނީ އަންގާރަ ދުވަހުގެ ހެނދުނު ކޯޓަށް ހާޒިރުކޮށްފައެވެ.
ވެޓްލޯފާ މަސައްކަތްކުރި ދެ ކެއާ ފެސިލިޓީއެއްގައި ދިރިއުޅެމުންދިޔަ އެ އަށް މީހުންނަކީ އުމުރުން 75 އަހަރާއި 96 އަހަރާއި ދެމެދުގެ މީހުންނެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި މަރުވި މީހުންނަށް ވަނީ ފުރާނައަށް ނުރައްކާވާ ވަރަށް މަސްތުވާތަކެތި ދީފައިކަމަށެވެ.
އެމީހުން ދިރިއުޅެމުން ދިޔައީ ވުޑްސްޓޮކްގެ ކެއާސެންޓް ކެއާއާއި އަދި ލަންޑަން، އޮންޓޭރިއޯގެ މެޑޯ ޕާކްގައިއެވެ.
ކެއާސެންޓްގެ ތަރުޖަމާނު ލީ ގްރިފީ ބުނީ ތުހުމަތު ކުރެވިފައިވަނީ ރަޖިސްޓްރީވެފައިވާ ނަރުހެއްގެ މައްޗަށް ކަމަށާއި، އެ ނަރުސް މީހާ ވަނީ މީގެ ގާތްގަނޑަކަށް ދެ އަހަރާއި ހަމަސް ކުރިން އެތަނުން ކެނޑިފައި ކަމަށެވެ.
"މިކަމުގެ ސަބަބުން މިކަމުގައި ޝާމިލްވާ ޢާއިލާތަކަށް ލިބެމުން އަންނަ އިތުރު ހިތާމައާއި ބުރަތަކަށް އަޅުގަނޑުމެން މަޢާފަށް އެދެން"، ގްރިފީ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުލުހުން ވަނީ އަންގާރަ ދުވަހުގެ ހެނދުނު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުތަކުގެ ފަހަތުގައިވާ މަޤްސަދާއި ހާލަތްތަކާއި ބެހޭގޮތުން ކުޑަކޮށް މަޢުލޫމާތު ދީފައެވެ. އެހެންނަމަވެސް، ވުޑްސްޓޮކްގެ ފުލުހުންނަށް ލިބުނު މަޢުލޫމާތުތަކަކާއި ގުޅިގެން އެ އަށް މަރު ތަޙުޤީގުކުރަން ފެށީ 29 ސެޕްޓެމްބަރުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ތަޙުޤީގު ކުރަމުން ދަނީ ވުޑްސްޓޮކް ޕޮލިސް ސާވިސް، ލަންޑަން ޕޮލިސް ސާވިސް އަދި އޮންޓެރިއޯ ޕްރޮވިންޝަލް ޕޮލިސް ގުޅިގެންނެވެ.
ފުލުހުން ބުނާ ގޮތުގައި އެ ނަރުސް ވަނީ އެހެނިހެން ފެސިލިޓީތަކުގައިވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އިތުރު މީހުން އޭނާގެ ޝިކާރައަކަށްވެ މަރުވެފައިވާކަން އަދި ނޭނގޭ ކަމަށެވެ.