ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް ނެތްކަމަށާއި ޕާޓީގައި އޮތީ ރައީސް މައުމޫންގެ ހަމައެކަނި ފެކްޝަންކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ތެރޭގައި މައްސަލަ ޖެހި ޕާޓީ ހިންގުން މުސްތަޝާރު އަބްދުﷲ ޔާމީންއާއި ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައި ވަނިކޮށް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގައި އޮތީ ރައީސް މައުމޫންގެ ފަޅި އެކަނި ކަމަށެވެ.
ޕީޕީއެމްގެ ތެރޭގައި ދެފެކްޝަން އުފެދި ދެ ލީޑަރޝިޕެއްގެ ދަށުން ޕީޕީއެމް ހިނގަމުންދާއިރު، ދައުލަތުގެ މުއައްސަސާތަކުންވެސް ވަނީ ކޯޓުގެ ހުކުމާއި އެއްގޮތަށް ބަލައިގަންނާނީ ރައީސް އަބުދުﷲ ޔާމީންގެ ފެކްޝަންކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެވޭނީވެސް އެ ފެކްޝަނަށް ފޯމް ހުށައަޅާ ފަރާތްތަކަށް އެކަނިކަމަށް އެ ފެކްޝަނުންވެސް ވަނީ ބުނެފައެވެ.
ޕީޕީއެމް ހިންގުން ރައީސް ޔާމީން އާއި ހަވާލުކުރުމަށް ނިންމި ނިންމުން މިހާރުވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.