Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ރޭޕްކުރި މީހާ އާ އިންނަން ޖެހުމުން އަމިއްލަ އަށް މަރު!

ފޮޓޯ: އައިސްޓޮކް

އިންޑިއާގެ ހަރިޔާނާގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖަކު، އޭނާ ރޭޕްކުރި މީހާއާއި ކައިވެނި ކުރުމަށް މަޖުބޫރު ކުރުމުން އަމިއްލައަށް މަރުވެގެންފި އެވެ.

ނަން ހާމަކުރެވިފައިނުވާ 19 އަހަރުގެ އެ އަންހެން ކުއްޖާ އޭނާގެ އަމިއްލަ ފުރާނަ ނެގުމުގެ ކުރިން ދިރިއުޅެމުންދިޔައީ އޭނާގެ މައިދައިތަމެން ގޭގައެވެ.

ހަތް މަސް ދުވަސް ވަންދެން ކައިވެނިކޮށްގެން އުޅުނުއިރު، އޭނާގެ ފިރިމީހާގެ އާއިލާއިން ވަނީ ނަފްސާނީ އަދި ޖިސްމާނީ އެތައް ގޯނާއެއް އޭނާއަށް ކޮށްފައެވެ.

މަރުވި އަންހެން ކުއްޖާގެ މަންމަ ބުނީ އޭނާގެ ދަރިފުޅު މަރުވުމަށްފަހު ދަން ޖައްސާފައިވާ ކަމަށާއި އަދި ރޭޕްކުރި ކަމުގެ މައްސަލައިގައި އެކުއްޖާގެ ފިރިމީހާގެ އާއިލާއިން ޤާނޫނީ ކަންކަމަށްޓަކައި ޚަރަދުކުރި ފައިސާ ދެއްކުމަށް ބުނެ ފުރައްސާރަ ކުރަމުން ދިޔަ ކަމަށެވެ.

"އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޯނާ ކުރި. ހޯމަ ދުވަހުވެސް އެމީހުން އާންމުންގެ ކުރިމަތީގައި ޒުވާބުކުރި"، ޖަގަދްރީ ސިޓީ ޕޮލިސްގެ ސުނީލް ކުމާރު ބުނި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރެއެވެ.

ކުޑަ އަވަށްތަކާއި ރަށްތަކުގައި އަމިއްލައަށް ބޭނުންކުރާ ސަރުކާރީ ޖަމިއްޔާއެއް ކަމަށްވާ ޕަންޗާޔަތުއިން، އެ އަންހެން ކުއްޖާ ރޭޕްކުރި ކަމުގެ ޚަބަރު ރިޕޯޓް ކުރުމުން ވަނީ އެކުއްޖާ ރޭޕްކުރި ފިރިހެން މީހާއާއި ކައިވެނި ކުރުމަށް މަޖުބޫރުކޮށްފައެވެ.

ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ފިރިހެން މީހާގެ ނަމަކީ އަނޫޖުއެވެ. އޭނާ އެ އަންހެން ކުއްޖާއާއި ކައިވެނިކުރަން ހުޅައެޅިއިރު އެ ކުއްޖާއަށް 18 އަހަރު ނުފުރެއެވެ. އެއީ އޭނާ ޔާމުނާނާގަރްގެ ޖަގާދްރީގައި ހައްޔަރު ކުރެވުމަށްފަހު، ޕަންޗާޔަތު އާއިއެކު ވެވުނު އެއްބަސްވުމެއްގެ މަތިންނެވެ.

އެދެމީހުން ކައިވެނި ކުރުމަށްފަހު، އަންހެން ކުއްޖާވަނީ އަނޫޖުއާއި އެއްކޮޅަށް ހެކިދީފައެވެ. އެހެންކަމުން ހުރިހާ ތުހުމަތުތަކުން އޭނާވަނީ ބަރީއަވެ، ޖަލުން ސަލާމަތްވެފައެވެ.