Last Updated: July 1, 20:14
Wednesday, July 1, 2026
ރިޕޯޓް

ކަރަންފޫ ބޭނުން ކުރެވިދާނެ ތަފާތު 10 ގޮތެއް

ދަތުގައި ރިއްސުމުގެ ފަރުވާއެއްގެ އިތުރުން، ކަރަންފޫއަކީ އެހެނިހެން ކަންކަމަށްވެސް ބޭނުންތެރި އެއްޗެއްކަން ކުރިން އެނގޭ ހެއްޔެވެ؟ ތިރީގައި މިވަނީ ކަރަންފޫ ބޭނުން ކުރެވިދާނެ ތަފާތު ގޮތްތަކެވެ.

1. ކަރަންފޫއަކީ ހަކަތަ އިތުރުކޮށްދޭ އެއްޗެކެވެ. މަސައްކަތުގައި ހުންނައިރު ކަންނެތްވާނަމަ، ކައިރީގައި ކުޑަ ކަރަންފޫ ތެޔޮ ފުޅިއެއް ބަހައްޓާށެވެ. އޭގެ އެއްތިކި ބޭނުން ކޮންމެ ބުއިމެއްގެ ތެރެއަށް އަޅައިގެން ބޯށެވެ. އެއިރުން އޭގެ ތަފާތު ވަގުތުން ފެނިގެންދާނެއެވެ.

2. ކަރަންފޫ އެއާ ފްރެޝްނާއެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. އަމިއްލައަށް ގޭގައި ކަރަންފޫ ފްރެޝްނާއެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ފެނާއި ކަރަންފޫ ތެޔޮ ފުޅިއެއްގައި އެއްކުރާށެވެ. އެއަށްފަހު ބޭނުންކުރާ ކޮންމެ ފަހަރަކު އެފުޅި ކުޑަކޮށް ހަލުވާލުމަށްފަހު ބޭނުންކުރާށެވެ.

3. ބަންދުކުރެވިފައިވާ ބަދިގެއެއް ހުންނަނަމަ، އެހެންނޫނީ ބަދިގޭގައި ނުބައިވަސް ހިފާތަނެއް ހުންނަނަމަ، ކަރަންފޫ ފެނަށް އަޅާފައި އެފެން އަމިއްލައަށް ހިކެންދެން އެތަނެއްގައި ބަހައްޓާށެވެ.

4. މާގިނައިން ބޭނުންކުރުމުގެ ސަބަބުން ތަރުމޯޒުގައި ނުބައިވަސް ދުވަން ފަށާނެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި، ތަރުމޯޒު ދޮތުމަށްފަހު އޭގެ ތެރެއަށް ކަރަންފޫ އަޅާށެވެ. ކުޑައިރުކޮޅެއް ވަންދެން ބެހެއްޓުމަށްފަހު ދެން ބޭނުންކުރާށެވެ.

5. ކަރަންފޫ ތެލަކީ ފުފިފައިވާ ހަންގަނޑަށް އޮތް ހައްލެކެވެ. ދުވާލަކު ދެފަހަރު ކަރަންފޫ ތެޔޮ ބޭނުންކުރާށެވެ. އެކަމަކު ބޭނުންކުރަންވާނީ ވަރަށް ކުޑަ މިންވަރެކެވެ. އެހެންނޫނީ ހަންގަނޑު އަނދާފާނެއެވެ.

6. ބަގީޗާގައި ސޫފާސޫފިތައް ނައްތާލުމަށްޓަކައި ކެމިކަލް ސްޕްރޭތައް ބޭނުންކުރުމުގެ ބަދަލުގައި ބަގީޗާގައި ކަރަންފޫ ގަހެއް އިންދާށެވެ.

7. ކަރަންފޫ ކެއުމަކީ ލޭމައްޗަށް ދިއުން ނުވަތަ ހައިޕާޓެންޝަންއަށް އޮތް ހައްލެކެވެ. ދުވަސްކޮޅަކަށް ކަރަންފޫ ކެއުމުން އެކަން އަމިއްލައަށްވެސް އިހުސާސްކުރެވޭނެއެވެ.

8. ބަދިގޭގައި މެހި ގިނަވެގެން އުޅޭނަމަ، ތަށްޓަކަށް ކަރަންފޫ އަޅާފައި ބަދިގޭގެ މެދުގައި ބަހައްޓާށެވެ. މާގިނަ ގަޑިއިރެއް ނުވަނީސް މެހިތައް ފިލާނެއެވެ.

9. ހިނިތައް ނައްތާލުމަށްވެސް ކަރަންފޫ ބޭނުންކުރެވިދާނެއެވެ. ކަރަންފޫ ތެޔޮ، ފޮނިތޮށި ތެޔޮ އަދި ފެން ސްޕްރޭ ފުޅިއެއްގައި އެއްކޮށްލާށެވެ. އެއަށްފަހު ހިނިތައް ހިނގާ ރޮނގަށް އެ ސްޕްރޭ ޖަހާށެވެ. އޭގެއިން ދުވާ ވަރުގަދަ ވަހުގެ ސަބަބުން ހިނިތައް ފިލާނެއެވެ.

10. ކަރަންފޫ ބޭނުންކޮށްގެން ގޭގައި ތެޔޮވެސް ތައްޔާރުކޮށްލެވިދާނެއެވެ. ¼ ޖޯޑް ކަރަންފޫއާއި 1 ޖޯޑް އޮލިވް އޮއިލް ތަށްޓެއްގައި އެއްކުރާށެވެ. އެއަށްފަހު 24 ގަޑިއިރަށް އޭގެ މަތިޖަހާށެވެ. ދެން އޭތި ފުރާނާފައި، ވައިބަންދު އެއްޗެއްގައި ރައްކާކުރާށެވެ. އަދި ބޭނުންޖެހުމުން ބޭނުން ކުރާށެވެ.