މަންމައަކު އޭނާގެ އަށް އަހަރުގެ އަންހެން ދަރިފުޅު ސްކޫލަށް ނުދާތީ، އެކަމުގެ އަދަބެއްގެ ގޮތުން އެކުއްޖާ މަގިމަތީގައި އިން ބޮކިދަނގަޑެއްގައި ބަން މައްސަލައެއް މެލޭޝިއާގެ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.
މަގުމަތިން ސައިކަލު ދުއްވާފައިދިޔަ މީހުން ހައިރާންކަމާއިއެކު ކުއަލަ ލަމްޕޫރުގެ ކާރު ޕާކެއްގައި އެ ކުޑަކުއްޖާ ހުރިތަން ފެނުމުން ޖަމާވިއެވެ. އެކުއްޖާއިނީ ލަދުގަނެފައި އިންވަރުން ބޮޑުވާ އިނގިލި ބޯންށެވެ. އަދި އެކުއްޖާގެ ކަނާތުފައިކުރީގައި އަޅުވާފައި އިން ޗެއިން ތަޅުލާފައިވުމުން އެކުއްޖާއިނީ ހުރިތަނުން ނުހެލިފައެވެ.
އަށް އަހަރުގެ އެ އަންހެން ކުއްޖާ އިނީ ސްކޫލް ޔުނީފޯމްގައި ކަމަށާއި އަދި ފޮތް ދަބަހާއި ފެންފުޅިއެއް އެކުއްޖާގެ ކައިރީގައި ބިންމަތީގައި ހުރިކަމަށް ޑެއިލީމެއިލް ޔޫކޭއިން ރިޕޯޓްކުރެއެވެ.

ގާތްގަނޑަކަށް 10 މިނެޓް ފަހުން އެކުއްޖާގެ މަންމަ އެތަނަށް އައިސް، އެކުއްޖާ ސްކޫލަށް ދިއުމަށް އިންކާރުކުރުމުގެ އަދަބެއްގެ ގޮތުން ބޮކިދަނގަޑަށް އެކުއްޖާ ޗެއިނުކުރި ކަމަށް އެއްބަސްވިއެވެ.
މެލޭޝިއާގެ ސްޓާ ނޫހުން ބުނީ ފުލުހުން ވަނީ އެކުއްޖާ ދޫކޮށްލުމަށް މަންމައަށް އަމުރުކޮށްފައި ކަމަށެވެ. އަދި އެއަށްފަހު އެދެމައިން ކައިރި ޕޮލިސް ސްޓޭޝަންއަކަށް ހާޒިރުކުރެވުނެވެ.

"އަޅުގަނޑުމެން ނިންމީ އެއީ އެއަންހެން ކުއްޖާ ޗެއިންކުރެވުނު ފުރަތަމަ ފަހަރުކަމަށް އަދި ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް މަންމައަށް އިންޒާރުދިނުމަށްފަހު، އެކުއްޖާގެ މަންމައާއިއެކު ގެއަށް ދިއުމަށް ހުއްދަދިނިން "، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު އަޒްލިން ސަދާރީ ވިދާޅުވިއެވެ.
އެކުއްޖާ ބޮކިދަނގަޑުގައި ޗެއިން ކުރެވިފައި ހުރީ ކިހާއިރެއް ވަންދެންތޯ އަދި ނޭނގެއެވެ. އަދި އެދުވަހު އެކުއްޖާ ސްކޫލަށް ދިޔަތޯ ނުވަތަ ނޫންތޯވެސް ނޭނގެއެވެ. އެއީ އެފޮޓޯ ނަގާފައިވަނީ ސްކޫލް ބަންދު ގަޑިތަކުގައި ކަމަށްވާތީއެވެ.
ފުލުހުންގެ ކޮމިޝަނަރު އިތުރަށް ވިދާޅުވީ އެކުއްޖާގެ މަންމަ މުޅިއަކުން އަދަބުން ސަލާމަތްވީކީއެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންނާއިބެހޭ ޤާނޫނެއްގެ ދަށުން ޖިސްމާނީ އަނިޔާއަށް ކުއްޖަކު ހުށައެޅުމާއި އަޅާނުލުމުގެ މައްސަލައިގެ ދަށުން ފުލުހުން އެމައްސަލަ ބަލަމުން ދާކަމަށެވެ.