Last Updated: June 26, 17:28
Friday, June 26, 2026
ސިޔާސީ

"ވަކި ބޭފުޅެއްގެ ތާއީދު ނެތަސް ޔާމީން އިސްތިއުފާ ނުދެއްވާނެ"

ވަކި ބޭފުޅަކު ތައީދު ގެންދެވުމަކުން ރައީސް ޔާމީން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިނުގަންނަވާނެކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ދެއްވި ތާއިދު އަނބުރާ ގެންދެވިކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ރަސްމީކޮށް އިއްލާން ކުރެއްވިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަބްދުއް ރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " ވަކި ބޭފުޅަކުގެ ތާއިދު ގެންދެވުމަކުން ރައީސް ޔާމީން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިނުގަންނަވާނެ ކަމަށާއި، އެއަށް ވުރެ އަޒުމް ވަރުގަދަ ކަމަށް ވިދާޅުވެ މައުމޫން އަށް އަބްދުއް ރަހީމް ވަނީ ގޮންޖައްސަވާފައެވެ.

ރައީސްކަމަށް އަބްދުﷲ ޔާމީން ގެންނެވުމަށާއި، އަދި ފޮނަދޫ ދާއިރާއަށް އަބްދުއް ރަހީމް ހޮވެވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މައުމޫންއަށް މީގެ އަހަރުތަކެއް ކުރިން އަބްދުއް ރަހީމް ގެންދެވީ ސަނާކިޔަމުންނެވެ. ނަމަވެސް މިހާރު ރައީސް މައުމޫންއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އަޑު އިވެނީ އަބްދުއް ރަހީމްގެ ފަރާތުންނެވެ.

އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ ޝަރުއީ ދާއިރާގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސްޕްރީމް ކޯޓުކަމަށާއި، ސްޕްރީމް ކޯޓުގެ ހުކުމަށް ތަބާވުމުގައި ވަކި ބޭފުޅަކު އިސްތިސްނާ ނުވާކަމަށެވެ.

އަބްދުއް ރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމް ހިންގުން ސިވިލް ކޯޓުން ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން އާއި ހަވާލުކުރުމަށް ކުރި ހުކުމަށް ސްޕްރީމް ކޯޓުން ތާއިދު ކުރުމާއި ގުޅިގެންނެވެ.