ކުށްވެރިން މެރުމުގެ ބަދަލުގައި ފައިދާ ހުރި އަދަބެއް އެމީހުންނަށް ދެވޭނެ ގޮތެއް އިރާންގެ ޖަސްޓިސް މިނިސްޓަރު ހޯދަމުންދާ ކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެފި އެވެ.
މަރުގެ އަދަބު ދެވޭ ކުށްތައް އަލުން އިސްލާހުކުރަން ޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ސްތަފާ ޕުއަމޮހައްމަދީ ވިދާޅުވީ ކަމަށް ތަސްނީމް ނިއުސް އޭޖެންސީއިން ވަނީ ރިޕޯޓްކޮށްފައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މަރުގެ އަދަބު ދިނުން ބަދަލުކުރަން ވިސްނުމަށްޓަކައި، އޭގެ ބަދަލުގައި ދޭން އެންމެ ރަނގަޅު އަދަބެއް ހޯދަން"، ޕުއާމުހައްމަދީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަރުގެ އަދަބު ދޭން ޖެހެނީ ކޮރަޕްޓްވެފައިވާ މީހުންނަށެވެ.
"އަދަބެއްގެ ގޮތުގައި މެރުމަކީ އަދިވެސް އެޖެންޑާގައި އޮތް ކަމެއް. އެކަމަކު މިހާރު ތަންފީޒްކުރާ އަދަދަކަށް ނޫން"، ޕުއާމުހައްމަދީ ވިދާޅުވިއެވެ.
"މަރުގެ އަދަބު ދިނުން ގަބޫލުނުކޮށް ދޫކޮށްނުލެވޭނެ. އެއީ ޤައުމުގައި ކޮރަޕްޓްވެފައިވާ ބައެއް މީހުން އެބަތިބި. އަދި އެމީހުންނަށް މަރުގެ އަދަބު ދިނުން ނޫން އެހެން ގޮތެއް ނެތް"، އޭނާ އިތުރަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި މަރުގެ އަދަބު ދިނުމުން އެހާ ރަނގަޅު އަސަރުތަކެއް ކޮށްފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިފއެވެ.
އިރާންއިން ވަނީ 2015 ވަނަ އަހަރުގައި މަދުވެގެން 977 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒްކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުންނެވެ. އަދި އޭގެ ކުރީ އަހަރު އިރާންއިން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ 743 މީހުންގެ މައްޗަށްކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެއެވެ.
ބީބީސޭ ޕާޝިއާގެ ޚަބަރުވެރިން ބުނާ ގޮތުގައި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި މީހުންނަށް މަރުގެ އަދަބު ދިނުމާއި ބެހޭގޮތުން އިރާންގައި ދާދިފަހުން ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އަމިއްލަ ބޭނުމަށްޓަކައި ކުޑަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅެމުން ދަނިކޮށް ހައްޔަރު ކުރެވޭ މީހުންނަށް ދަނީ މަރުގެ އަދަބު ދެމުންނެވެ. އެއީ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކުށަށް އެކަށީގެންވާ ވަރަށްވުރެ މާބޮޑު އަދަބެކެވެ.
އިރާންގެ އިންސާފުގެ ނިޒާމު ބިނާވެފައި އޮންނަނީ އިސްލާމީ ޝަރީޢާގެ މައްޗަށެވެ. ޝަރީއާގައި ވާގޮތުން މަސްތުވާތަކެތީގެ ކުށްތަކުގައި މަރުގެ އަދަބު ދިނުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫނެވެ.
އޭޕްރީލް މަހު އެމްނެސްޓީއިން ޝާއިރުކުރި ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ 89 އިންސައްތަ މަރުގެ އަދަބު ދެމުންދާ ޤައުމުތަކަކީ އިރާން، ޕާކިސްތާން އަދި ސައުދި އަރަބިއާއެވެ.
އެހެންނަމަވެސް، އެ ދިރާސާގައި ޗައިނާ ހިމަނާފައެއް ނުވެއެވެ. ޗައިނާގައި އެތައް ހާސް މީހުންނެއް މެރުމަށްފަހު އެ ރިކޯޑްތައް ސިއްރުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވެއެވެ.