ޕީޕީއެމްގެ މައި އޮފީސް ހ. ތެމާއިން ގެންދިޔަ ތަކެތީގެ ތެރޭގައި 2018ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އޮތްތޯ ސުވާލުކޮށް، ރައީސް ޔާމީނަށް ޕީޕީއެމް މައުމޫން ފެކްޝަންގެ ނައިބް ލީޑަރެއް ކަމަށް އާމިނަތު ނާދިރާ ހަޖޫ ޖައްސަވައިފި އެވެ.
ޕީޕީއެމްގެ މައި އޮފީހުގައި ހުރި ތަކެތި ރައީސް ޔާމީންގެ ފެކްޝަނުން ވަދެ، ގެންދިއުމާއި ގުޅިގެން ނާދިރާ ކުރެއްވި ޓްވީޓް އެތައް ބަޔަކު ވަނީ ޓްވީޓްކޮށް، ހަޖޫ ޖަހާފައެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މަމްބަރު ޒައިދުލް އަމީން ވިދާޅުވީ އެއޮތް ހުރިހާ އެއްޗެއް ނެރުނު އިރު ޓިކެޓް ނުފެނުނު ކަމަށާއި، ފެނުނީ އަސާސީ ގަވާއިދުގެ 68 ވަނަ މާއްދާ އާއި ރައީސް މައުމޫންގެ ފޮޓޯފުޅު ކަމަށެވެ.
ރައީސް މައުމޫން އާއި ރައީސް ޔާމީން އާއި ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުމުގެ މައިގަނޑު އެއް ސަބަބަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތުހާބްގެ ޓިކެޓްގެ މައްސަލައެވެ.
ރައީސް މައުމޫން ބޭނުންފުޅުވަނީ ޕާޓީގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ޕްރައިމަރީ އަކުން ރިޔާސީ ޓިކެޓް ހަވާލުކުރެއްވުމަށެވެ.
ނަމަވެސް ރައީސް ޔާމީން އެގޮތް ބޭނުންފުޅެއް ނޫނެވެ. އެހެންވެ، މި މައްސަލަ ހޫނުވެ، އެންމެ ފަހުން ޕާޓީ މިވަނީ ދެބައި ވެފައެވެ.
ރައީސް މައުމޫންވަނީ މި ސަރުކާރަށް ދެއްވި އެއްބާރުލުން އަނބުރާ ގެންދަވާފައެވެ. އަދި ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ޕާޓީގެ މައި އޮފީސް އެބޭފުޅުންގެ ބާރުގެ ދަށައް ގެނެސްފައެވެ.