އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގަމަށް ދަތުރުފެށުމަށް ހަމަޖެހިފައިވާ ސްރީލަންކަން އެއާލައިންގެ ޓިކެޓް 25 ޕަސެންޓް ޑިސްކައުންޓާއި އެކު އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިއްކަން ނިންމާފައިވާ ކަމަށް ސްރީލަންކަން ރާއްޖޭގެ އެޖެންޓް އޭސް ޓްރެވަލްސް އިން ބުނެފި އެވެ.
އޭސް ޓްރެވަލްއިން ބުނީ ގަމުން ނަގާ ކޮންމެ ޓިކެޓަކަށް 25 ޕަސެންޓް ޑިސްކައުންޓްދޭ އިރު އެއަގު ސްރީލަންކަން ދަތުރު ކުރާ ހުރިހާ މަންޒިކަށް ވެސް ލިބޭނެ ކަމަށެވެ.
"ނޮވެމްބަރ 1 އިން ފެށިގެން ޑިސްކައުންޓާ އެކު ޓިކެޓް ލިބޭނެ، ނޮވެމްބަރ 15 އާއި ހަމައަށް، މި މުއްދަތުގައި ނަގާ އަގުހެޔޮ ޓިކެޓްގައި އަންނަ އަހަރުގެ މާޗް 21 އާއި ހަމައަށް ދަތުރު ކުރެވޭނެ،" އޭސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސްރީލަންކަންގެ ދަތުރު ފެށުމަށްޓަކައި އައްޑޫން ޓިކެޓް ވިއްކުމަށް ފޭދޫގައި އޮފީހެއް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު ހިތަދޫ ބީޗް ކެބް މެދުވެރިކޮށް ވެސް ޓިކެޓް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
ގަމުން ކޮލަމްބޯ އަށް ސީދާ ދަތުރު ފެށޭތީ އައްޑޫ ރައްޔިތުން ދަނީ އުފާފާޅު ކުރަމުންނެވެ.