ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 150 ވަޒީފާ އުފައްދައި އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ވަޒިީފާ އަތޮޅުތަކަށް ހާއްސަ ކުރަން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބީއެމްއެލްއިން މިދިޔަ ކުއާޓަތުގެ މާލީ ހިސާބު އާއްމު ކުރައްވަމުން ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އަންނަ އަހަރު ބޭންކްގެ މުވައްޒަފުންގެ އަދަދު 1،000 އަށް އިތުރުވެގެން ދާނެ ކަމަށެވެ.
އެންޑްރޫ ވިދާޅުވީ ބޭންކުން ކުރާ ބިޔަ އިންވެސްޓްމެންޓެއްގެ ގޮތުން އުފައްދާ ވަޒީފާތަކާ އެކު އިތުރު ބްރާންޗްތަކާއި އޭޓީއެމް ސެންޓަރުތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ވަޒީފާތަކުގެ އިތުރުން ބޭންކްގެ ސީއެސްއާރްގެ ދަށުން ހިންގުމަށް ނިންމާފައިވާ 10 ޕްރޮޖެކްޓް އާއި އެކު އަންނަ އަހަރު 300 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ފަރާތްތަކާއި، ތައުލީމާއި، ކުޅިވަރު އަދި ތިމާވެއްޓާއި ގުޅޭ ދާއިރާތަކުން 10 ޕޮރޮޖެކްޓް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެންޑްރޫ ވިދާޅުވި ގޮތުގައި ވަޒީފާ އިތުރު ކުރުމުގެ ގޮތުން އަލަށް ހުޅުވާ ކަސްޓަމާ ސާވިސް ސެންޓަރުތަކާއި ބްރާންޗްތަކާއި ބިޒްނަސް ސެންޓަރުތަކުގެ ސަބަބުން އޭގެ ފައިދާ 22 ރަށަކަށް ކުރާނެ އެވެ.