އިންޑިއާގެ ވެރިރަށް ދިއްލީގެ ރައްޔިތުން ދަނީ ދިވާލީ ފާހަގަކުރުމުގެ ގޮތުން ހަވާއެރުވުމުގެ ސަބަބުން ދިއްލީގައި ދުން ބޮޑުވެފައިވާ މަންޒަރުގެ ފޮޓޯތައް ނުރުހުންތެރިކަމާ އެކު ޝެއާކުރަމުންނެވެ.
ސިއްޙަތަށް ގެއްލުން ލިބޭފަދަ "ޕާޓިކިއުލޭޓް މެޓާ"ގެ މާއްދާތައް ޖައްވުގައިވާ މިންވަރު ވަނީ ރައްކާތެރި މިންވަރު ކަމަށްވާ 100 އަށްވުރެ 10 ގުނަ މައްޗަށް ގޮސްފައެވެ.
ކަމާއިބެހޭ ފަރާތްތަކުން ވަނީ ވައިޖެހޭ ބާރުމިނާއި ހިއުމިޑިޓީގެ ސަބަބުން ދިވާލީގައި ދިއްލީގެ ޖައްވު ނުސާފުވާނެކަމަށް އިންޒާރުދީފައެވެ.
ދިވާލީއަކީ އުތުރު އިންޑިއާގެ އެންމެ މުހިންމު ހިންދޫ ފެސްޓިވަލްއެވެ. އެއީ ނުބައިގެ މައްޗަށް ރަނގަޅުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބާއްވާ ކަމެކެވެ.
ކޮންމެ އަހަރަކުވެސް ދިވާލީގައި އިންޑިއާގައި ހަވާ އެރުވުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް އެއީ ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްކޮށްދޭ ކަމެއްވެސް މެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް މަދުކުރުމަށްޓަކައި ވަި ސާފުކުރާ މެޝިންތައް ނުވަތަ 'އެއާ ޕިއުރިފަޔާސް' މަގުތަކުގައި ބަހައްޓާނެކަމަށް ދިއްލީގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.
އެހެންނަމަވެސް، ހޯމަ ދުވަހުގެ ހެނދުނު ދުމުގެ ބޯ ފަށަލައެއްގެ ސަބަބުން މަގުތައްވެސް ފެންނަލެއް ވަނީ ނުސާފުވެފައެވެ. ޓްވިޓާ އިންޑިއާގައި ހޯމަ ދުވަހު '#ސްމޮގް' ގެ ނަމުގައި ހޭޝްޓެގްއެއް ވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ.
ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމިއްޔާއިން 2014 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކިގޮތުގައި ދުނިޔޭގެ އެންމެ ބޮޑަށް ޕޮލިއުޓްވެފައިވާ 20 ސިޓީތަކުގެ ތެރޭގައި އިންޑިއާގެ 13 ސިޓީއެއް ހިމެނޭ ކަމަށެވެ. އެގޮތުން ދިއްލީއަކީ އެންމެ ބޮޑަށް ޕޮލިއުޓްވެފައިވާ ސިޓީކަމަށްވެސް އެސާވޭއިން ދެއްކިއެވެ.
ވައި ނުސާފުވުމުގެ މައްސަލައަކީ ލަފާކުރެވިފައިވާ އުމުރަށްވުރެ އަވަހަށް އިންޑިއާގައި މީހުން މަރުވުމަށް ދިމާވާ އެންމެ ބޮޑު ސަބަބެކެވެ. އެގޮތުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 620،000 މީހުން ވައި ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން މަރުވާކަމަށްވެސް ޑަބްލިއުއްޗެއޯއިން ބުނެއެވެ.