Last Updated: July 1, 18:38
Wednesday, July 1, 2026
ޚަބަރު

ބިންހެލުމެއް އައިސް އިޓަލީގެ ގިނަ ބަޔަކު ހާލުގައި ޖެހިއްޖެ

ފޮޓޯ: އޭޕީ

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އިޓަލީއަށް އައި ހަތަރު ވަނަ ބިންހެލުމުގެ ސަބަބުން އެތައް ހާސް މީހުންނެއް ވަނީ ކާރުތަކުގައިއާއި، ޓެންޓްތައް އަދި ވަގުތީ ހިޔާތަކުގައި ރޭ ހޭދަކޮށްފި އެވެ.

ފަހަކަށް އައިސް އިޓަލީއަށް އެންމެ ބާރުގަދަ ބިންހެލުން ކަމަށްވާ 6.6 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ އޮގަސްޓް މަހުއައި ބިންހެލުމެއްގެ ސަބަބުން ގާތްގަނޑަކަށް 300 މީހުން މަރުވެފައިވާ ސަރަޙައްދާއި ކައިރިއަށެވެ.

މިފަހަރު ނޯރްޗާ އަވަށުގެ ކައިރިއަށް އައި ބިންހެލުމުގައި އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް، 20 މީހުން ވަނީ ޒަޚަމްވެފައެވެ.

ބިންހެލުމުގެ ބާރުމިނުމުގެ ސަބަބުން އަދިވެސް ބައެއް އިމާރާތްތައް ދަނީ ވެއްޓެމުންނެވެ.

ހޯމަ ދުވަހުވެސް 4.2 މެގްނިޓިއުޑްގެ ޝޮކެއް ވަނީ އިހުސާސްކުރެވިފައެވެ.

ނޯރްޗާގެ އަމްބްރިޔާ ސަރަހައްދުގެ ބައެއް މީހުން ވަނީ އެމީހުންގެ ގެތަކުގައި މަޑުކުރުމަށް ނިންމާފައެވެ.

އަނެއްބައި މީހުން ވަނީ ޓެންޓްތަކުގައިއާއި ކަމާއިބެހޭ ފަރާތްތަކުން އެޑްރިއާޓިކް ކޯސްޓްގައި އިންތިޒާމްކޮށްދިން ވަގުތީ ހިޔާތަކުގައި ރޭހޭދަކޮށްފައެވެ.

އިޓަލީގެ ޕްރައިމް މިނިސްޓަރު މަޓެއޯ ރެންޒީ ވަނީ އިމާޖެންސީކޮށް އަލުން ބިނާކުރުމުގެ މަސައްކަތާއި ބެހޭގޮތުން މަޝްވަރާ ކުރެވުމަށްޓަކައި ކެބިނެޓްގެ ބައްދަލުވުމުއް ބާއްވާފައެވެ.

އެސަރަޙައްދުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް ގަސްދުކުރާތޯ، މިހާރު އޭނާގެ އަށް އަހަރުގެ އަންހެން ދަރިފުޅާއިއެކު ވޭންއެއްގައި ދިރިއުޅެމުންދާ ނޯރްޗާގެ ރައްޔިތެއް ކަމަށްވާ ސްޓެފާނޯ ބޯލްޑްރިނީއާއި ސުވާލުކުރެވުނެވެ.

"ކިހިނެއް؟ ސްކޫލް، ޗާޗް އަދި ޕޮލިސް ސްޓޭޝަންއެއްވެސް ނެތް. މިހާރު މިތާނގައި އެއްވެސް އެއްޗެއް ނެތް"، އޭނާ ބުންޏެވެ.

ބިންހެލުމުގެ ސަބަބުން ހަލާކުވެ ނެތިގެންދިޔަ އާސާރީ އެތައް އިމާރާތްތަކުގެ ތެރޭގައި ނޯރްޗާގައި ހުންނަ ބެސިލިކާ އޮފް ސެއިންޓް ބެނެޑިކްޓް ހިމެނެއެވެ.

އޮގަސްޓް މަހުއައި ބިންހެލުމުގެ ސަބަބުން ދުވަސްވެ އާވާރާވެފައިވާ އިމާރާތްތަކުން މިދިޔަ ހަފްތާގައި މީހުން ހުސްކުރެވުން ވެގެންދިޔައީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްވެގެންދިޔަ ކަމަކަށެވެ.

ޓޮލެންޓީނޯ އަވަށުން ވެއްޓުނު އިމާރާތެއްގެ ދަށުން އާދިއްތަ ދުވަހު ތިން މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އާދިއްތަ ދުވަހު އައި ބިންހެލުމުގެ ބާރުމިނަކީ 6.6 މެގްނިޓިއުޑްކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ކަނޑައަޅާފައެވެ. އެއީ އޮގަސްޓްމަހުގައި އައި ބިންހެލުމާއި މިދިޔަ ހަފްތާގައި އައި 5.5 އަދި 6.1 މެގްނިޓިއުޑްގެ ބިންހެލުންތަކަށްވުރެވެސް ބާރުގަދަ ބިންހެލުމެކެވެ.

ބިންހެލުމުގެ އަސަރު ކުރި އެހެން ރަށްތަކާއި އަވަށްތަކުގެ ތެރޭގައި ކާސްޓެލްސެންޓޭންޖެލޯ، ޕްރޭޗީ، އުއްސިޓާ އަދި އަރްކުއާޓާ ހިމެނެއެވެ.