Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި އިތުރު ދެ މީހެއްގެ މައްސަލަ ޕީޖީ އަށް

ކުޑަ ކަމުދާތަކެތި ދިނުމަށް އިންކާރު ކުރި ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ އާ ގުޅިގެން ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ސ. ފޭދޫ، ކޯޒީކޯނާ އިބްރާހިމް ސަޢީދު، 24، އާއި ހުޅުދޫ ހިކިއުނިމާގެ، ޙުސައިން ސާހިބް، 21، މައްޗަށެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި ހައްޔަރު ކުރި އިބްރާހިމް ސަޢީދު އާއި ޙުސައިން ސާހިބްގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު 21:50 ހާއިރު މި ދެ މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި މައްސަލަ އާ ގުޅިގެންނެވެ.

މި މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.