ރާއްޖޭގެ ޝިޕިންގް އެންޑް ލޮޖިސްޓިކްސް ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް ހިއްސާ ވިއްކަން ފަށާފައިވާ އިރު އެ ކުންފުނީގެ ހިއްސާ އައްޑޫގައި ވިއްކަން ނިންމައިފި އެވެ.
ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހުމަދު މައުމޫން ވިދާޅުވީ އައްޑޫގައި އެކުންފުނީގެ ހިއްސާ ވިއްކުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 2-4 ދުވަހާއި ހަމައަށް ކަމަށެވެ.
އެގޮތުން ފޭދޫ ބަނދަރު ސަރަހައްދާއި، ހިތަދޫ ރޯޔަލް ޕްލަސް ރެސްޓޯރެންޓް ކުރިމަތި އަދި ހިތަދޫ ހޮސްޕިޓަލް ސަރަހައްދުގައި ހިއްސާ ވިއްކުމާއި، މައުލޫމާތު ދިނުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މައުމޫން ވިދާޅުވީ ނޮވެމްބަރު ދެވަނަ ދުވަހު އައްޑޫގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް، ސެންޗޫރިއަންއިން ދޭން ނިންމާފައިވާ ހިދްމަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެކަމަށެވެ.
ސެންޗޫރިއަން ކުންފުނީގެ 49 އިން ސައްތަ ހިއްސާ އާމުންނަށް ދޫކޮށްލުމަށް ނިންމާފައިވާ އިރު 23 އިން ސައްތަ ހިއްސާ ގަނެގެން ކުންފުނީގެ މައި ހިއްސާދާރަކަށްވުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފަ އެވެ.
އެ ކުންފުނިން ހިއްސާއެއް 25 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ހަތަރު ހިއްސާ ކޮންމެ ފަރާތަކުން ވެސް ގަންނަން ޖެހެ އެވެ.
މައުމޫން ވިދާޅުވީ ކުންފުނީގެ 49 އިން ސައްތަ ހިއްސާ ވިއްކައިގެން ލިބޭ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.
މާނު ވިދާޅުވީ ކުންފުނީގެ އަމާޒު ހުރީ ހިއްސާ ގަންނަ ފަރާތްތަކަށް މަދުވެގެން 4 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް ކަވާ ކުރެވޭނެ ގޮތް ހޯދައި ދިނުން ކަމަށެވެ.
ސެންޗޫރިއަން އިން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ހިއްސާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.