ރާއްޖޭގައި ގާއިމްވެފައިވާ ދިމިގްރާތީ ވެށި ހިމާޔަތް ކުރުމަށްޓަކައި، ގާނޫނަށް ބޯނުލެބުމުގެ އެއްވެސް އޮއިވަރެއް ގައުމުގައި ފަތުރާ ކޮންމެ ފަރާތަކާއި މެދު އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު ސްޕްރީމް ކޯޓުން ދީފިއެވެ.
ސްޕްރީމް ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޖްތަމައުގެ އެކިއެކި ފަރުދުންގެ މެދުގައްޔާއި، ފަރުދުންނާއި ދައުލަތާއި ދެމެދު އުފެދޭ ދެބަސްވުންތަކާއި، ޚުސޫމަތްތައް ހައްލުކޮށްދިނުމަށް ޝަރުއީ ތިން މަރުހަލާތައް އޮންނަ އިރު ކޯޓުތަކުގެ ނިންމުން އިސްތިއުނާފް ކުރުމަކާއި ނުލައި، ނުވަތަ އިސްތިއުނާފްގެ މަރުހަލާ ނިމި ހުކުމް އިސްތިގްރާރްވެފައި ވެފައި އޮތުމާއި އެކުވެސް، ހުކުމްތަކުގައި އޮޅުން ނާރާފަދަ ސާފު ބަހުން ބުނެފައިވާ ކަންކަންވެސް ވަކި މަގްސަދެއް ހާސިލް ކުރުމަށް ބައެއް ފަރާތްތަކުން މާނަ ކުރަމުންދާ ކަމަށެވެ.
މީގެ ސަބަބުން ގައުމުގައި ގާނޫނުތަކަށް ބޯ ނުލެބުނުގެ އޮއިވަރެއް އަށަގެންފާނެތީ، އެފަދަ ފަރާތްތަކާއި މެދު " ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ގާނޫނީ ވަކީލުންގެ ވަކީލުކަން ކުރުމުގެ ހުއްދަ " ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލު ކުރެވޭނެ" ކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އަންގާފައެވެ.
ސްޕްރީމް ކޯޓުން މިފަދަ އިންޒާރެއް ނެރެފައިމިވަނީ ޕީޕީއެމް ތެރޭގައި އުފެދިފައިވާ ދެބަސްވުން ތަކާއި ގުޅިގެން މައްސަލަ ކޯޓަށް ހުށަހެޅި އެމައްސަލައިގެ ފަހު ބަސް ސްޕްރީމް ކޯޓުން އިއްވާފައިވަނިކޮށެވެ. މިމައްސަލަ އާއި ގުޅިގެން މައުމޫންގެ ވަކީލުންނާއި، މައުމޫންގެ ފަރާތުން ފާޑު ވިދާޅުވެފައިވެއެވެ.