ގަލްފް އޮފް މެކްސިކޯއިން ސައިންސްވެރިންނަށް ކުޅިއެއް (ފެންގަނޑެއް) ފެނިއްޖެއެވެ. ކަނޑުގެ އަޑީގައިވާ އެ ކުޅިއަށް އެރޭ ކޮންމެ މީހަކަށްވެސް ވަރަށް ނުރައްކާތެރި ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
ޓެމްޕަލް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ކަމަށްވާ އެރިކް ކޯޑްސް ވަނީ އެ ކުޅިއާއި ބެހޭގޮތުން ދިރާސާކޮށް، އޭނާގެ ހޯދުންތައް 'އޯޝަނޯގްރަފީ' ޖާނަލްގައި ޝާއިރުކޮށްފައެވެ.
"އެއީ ފުން ކަނޑުގައިވާ އެންމެ އަޖައިބު ކުރުވަނިވި އެއްކަން. ކަނޑުގެ އަޑިއަށް ދިއުމުން ފެންނަނީ ކުޅިއެއް ނުވަތަ ހިނގަހިނގަމުންދާ ކޯރެއް. ހީވަނީ ތިމާމީހާ އެހުރީ މިދުނިޔޭގައި ނޫންހެން"، ކޯޑްސް 'ސީކާ'އަށް މަޢުލޫމާތު ދިނެވެ.
ކަނޑުތެރޭގައިވާ އެކުޅީގެ ފެނަކީ އޭގެ ވަށައިގެންވާ ފެނަށްވުރެ ފަސް ގުނައަށް ލޮނުކަން އިތުރު ފެނެވެ. އަދި މީތޭންއާއި ހައިޑްރޮޖެން ސަލްފައިޑް ނުރައްކާތެރި މިންވަރަކަށް އެފެނުގައި ވުމުން، ވަށައިގެންވާ ކަނޑާއި އެފެން އެއްނުވެއެވެ.
ޖަނަވާރުންނަށާއި އިންސާނުންނަށް އެފެނުގައި ފެތުމަކީ، ފެނުގައިވާ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާ ކުރާވަރުގެ ކަމެކެވެ. އެފެނުގައި އުޅެވޭނީ ހަމައެކަނި ބެކްޓީރިއާ، ޓިއުބް ފަނި އަދި ޑިނގާއަށެވެ.
އެކުޅިއަކީ ސައިންސްވެރިންގެ ދިރާސާއަށް އޮތް ކުޅޭތަނެކެވެ. އެކުޅީގެ އެހީއާއިއެކު ސައިންސްވެރިންނަށް އެކިއެކި ދިރޭއެއްޗެއްސަށް އުޅެވޭނެ އެންމެ މަތީ ހާލަތްތައް ދެނެގަނެވޭނެއެވެ.